އުތުރުގެ ނައިވާދޫ ސިއްހީ މަރުކަޒުގެ ދޮރުމަތީން ބަޔަކު ފިލާގަނޑެއް ޖަހައި އެ މަރުކަޒުގެ މައި ދޮރު ބަންދު ކޮށްފި އެވެ.
އެ ރަށުން ވާހަކަ ދައްކާ މީހުން ބުނާ ގޮތުން ފިލާގަނޑަކަށް ކޮންކްރީޓް މޮހޮރު ޖަހައިގެން އެ ރަށުގެ ސިއްހީ މަރުކަޒުގެ ދޮރު ބަންދު ކޮށްފައި ވަނީ ރަށުގެ އެންބިއުލާންސް ހަލާކުވެފައި އޮވެގެން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ. ދޮރު ބަންދުކުރުމަށް ހަރު ކުރި ފިލާގައި ވެސް ދަވާދު ބޭނުން ކޮށްގެން ނައިވާދޫއަށް ދޭން ބުނި އެންބިއުލާންސް ކޮބައިތޯ ސުވާލު ކޮށްފައި ވެއެވެ.
ހދ. ގެ އެ ރަށުގެ ކައުންސިލު އިދާރާއިން ބުނި ގޮތުގައި ބަޔަކު ސިއްހީ މަރުކަޒުގެ ދޮރުގައި ފިލާގަނޑެއް ހަރުކޮށް ސިއްހީ މަރުކަޒު ބަންދުކޮށްފައި ވަނީ ރޭ ދަންވަރު އެވެ. އެ ފިލާގަނޑު ނައްޓާލާއި މަރުކަޒު ހިިދުމަތަށް ގެނެސްފައިވެ އެވެ.
ސިއްހީ މަރުކަޒުގެ ދޮރު އެގޮތަށް ބަންދު ކުރި އިރު އެތަން ބަލަހައްޓަން ވޮޗަރުން ވެސް ތިބެ އެވެ.