ލ. ގަން

ގޯތި ދޫކުރުން ލަސްވާތީ ލ. ގަމުގައި މުޒާހަރާކުރަނީ

ލ. ގަމުން ދޫކުރަން އިއުލާނުކުރި ގޯތިތައް ދިނުން ލަސްވާތީ އެ ރަށުގައި މިއަދު މުޒާހަރާކުރަން ފަށައިފި އެވެ.

ގޯތިތައް ދިނުން ލަސްވުމުގެ ސަބަބުން ރައްޔިތުން ދަނީ ގަމު ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ.

ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ރަށުން ދޫކުރަން ފުރަތަމަ ނިންމީ 2،000 އަކަފޫޓުގެ ގޯއްޗެވެ.

ގޯތި ދޫކުރުން ލަސްވީ އެ ގޯތިތަކުގެ ސައިޒު 4،000 އަކަފޫޓަށް ބޮޑުކުރުމުން ކަމަށް އޭނާ ބުންޏެވެ.

ލ. ގަމު ކައުންސިލް އިދާރާގެ ކުރިމަތީގައި މުޒާހަރާކުރަމުންދާ މީހުންނާ ވާހަކަ ދައްކަމުން ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ގޯއްޗަށް ހުޅުވާލީ އެކަން ކުރެވޭނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

ގޯތި ދިނުމުގެ ހުއްދައަށް އެދި މިމަހުގެ ތިން ވަނަ ދުވަހު ހުށަހެޅި ނަމަވެސް މިހާތަނަށް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.