މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯއްޗާއި ފްލެޓް ހަވާލުކުރުން ލަސްވާތީ މިރޭ މުޒާހަރާކުރަން ނިންމައިފި އެވެ.
މި މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައި ހެންވޭރު ލޮނުޒިޔާރަތް ޕާކުގަ އެވެ.
މުޒާހަރާ އިންތިޒާމުކުރަނީ ފަހި ޔޫނިއަން އާއި ގިރާވަރު ސިޓިޒެންސް އެސޯސިއޭޝަންގެ އިތުރުން މާލެ ރަށްވެހިންގެ ޖަމިއްޔާ އިންނެވެ.
ފްލެޓާއި ގޯތި ލިބުން ލަސްވާތީ މިރޭ މުޒާހަރާކުރަން ނިންމާފައިވާއިރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ތެރެއިން 9،000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވެ އެވެ. މި ގޯތި ދޫކޮށްފައިވަނީ ހުޅުމާލޭގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.
މީގެ އިތުރުން މިދިޔަ ސަރުކާރުގައި ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4،000 އެޕާޓްމަންޓް ދަނީ އިމާރާތް ކުރަމުންނެވެ.
މީގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.