އިލްޔާސް ލަބީބް

އިލްޔާސްގެ ވައުދު: ފަސް އަހަރުގެ ތެރޭގައި މާލޭގެ 25،000 އާއިލާއަށް ބޯހިޔާވަހިކަން

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ސަރުކާރުގެ ފަސް އަހަރު ތެރޭ މާލޭގެ 25،000 އަށްވުރެ ގިނަ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވައުދުވެއްޖެ އެވެ.

އެ ޕާޓީން ރޭ ހާމަކުރި ގްރޭޓާ މާލެ އޭރިއާގެ ތަސައްވަރު -- ވެށިފަހި މާލެ ސިޔާސަތުގައި ވަނީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށާއި ބޯހިޔާވަހިކަމާއި ކާރޫބާރޫ ބޮޑުކަމުގެ މައްސަލަތަކަށް އެކަށޭނަ ހައްލެއް ކުރު މުއްދަތެއްގައި ގެނައުމަށް ކުރަން ނިންމާފައިވާ ކަންކަން ހިމަނާފަ އެވެ.

އެގޮތުން މާލޭ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި މާލޭގައި ހުރި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލުމުގެ ދަށުގައި ހުރި 111، 351، 355، 356 އަދި 360 ނަންބަރު ކޮށި ވަގުތުން ހުސްކޮށް އެ ބިންތަކުގައި 15 ބުރީގެ ކޮންޑޮމީނިއަމް އިމާރާތްތަކެއް ކުރަން ވަނީ ނިންމާފަ އެވެ.

މި އިމާރާތްތަކުގެ 13 ބުރި ހާއްސަ ކުރެވޭނީ ދޭއް އަދި ތިން ކޮޓަރީގެ ކޮންޑޮމީނިއަމް ޔުނިޓްތަކަށެވެ. ބާކީ ބުރީގައި ޕާކިންއާއި ޖިމް އަދި ރީޓެއިލް އައުޓްލެޓް ފަދަ އާންމު ހިދުމަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.

ޑިމޮކްރެޓުންގެ ވެށިފަހި މާލެ ސިޔާސަތުގައިވާ ގޮތުން މި ކޮށިތަކުގައި އެކު ޖުމްލަ 202،684 އަކަފޫޓު ބިމުގައި، ދެ ކޮޓަރީގެ 1،581 ޔުނިޓާއި އަދި ތިން ކޮޓަރީގެ 767 ޔުނިޓް ހިމެނޭހެން ޖުމްލަ 2،347 ކޮންޑޮމީނިއަމް ޔުނިޓް އިމާރާތްކުރެވޭނެ އެވެ.

މި އިމާރާތްތަކަށް ޖުމްލަ 3.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މި އިމާރާތްތައް އިލްޔާސް ލަބީބުގެ ސަރުކާރުގެ ފުރަތަމަ 18 މަސް ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޑިމޮކްރެޓުންގެ ވެށިފަހި މާލެ ސިޔާސަތުގެ ދަށުން މާލޭގެ އެންމެ ތޮއްޖެހިފައިވާ 10 ކޮށި ފާހަގަކޮށް އެ ކޮށިތަކަށް ނިސްބަތްވާ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވަކި ކޮންޑޮމީނިއަމް ޔުނިޓެއް އަދި އެ ކޮށިތަކުގައިވާ ކޮންމެ ގޯއްޗަކަށް 1،000 އަކަފޫޓަށްވުރެ ކުޑަ ނޫން ގޯއްޗެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން މާލޭގެ އެންމެ މީހުން ގިނަ 10 ކޮށީގައި ރަޖިސްޓްރީވެފައިވާ 18 އަހަރުން މަތީގެ 4،187 މީހުންނަށް ވެރިކަމުގެ ފުރަތަމަ 18 މަސް ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް ވަނީ ހިމަނާފަ އެވެ. އަދި މި ކޮށިތަކުގައި ހުރި ތޮއްޖެހި ބާވެފައިވާ އިމާރާތްތަކަށް އަދުލުވެރި ބަދަލުދިނުމަށް ހިމަނާފައިވެ އެވެ.

ޑިމޮކްރެޓުން ބުނީ ފުރަތަމަ ފިޔަވަހީގައި ހުސްކުރެވޭ 10 ކޮށީގެ ޖުމްލަ ބޮޑުމިނަކީ 516،158 އަކަފޫޓު ކަމަށާއި އެ ޕާޓީގެ މާލޭގެ ބޯހިޔާވަހިކަމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ކޮށީގައި ދޭއް އަދި ތިން ކޮޓަރީގެ ޖާގަ ތަނަވަސް 5.147 ކޮންޑޮމީނިއަމް ޔުނިޓު އިމާރާތް ކުރެވޭނެ ކަމަށެވެ.

އެ މަޝްރޫއަށް އަށް ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު ބިންތައް ހުސްކުރެވޭ މުއްދަތުން ފެށިގެން 18 މަސްދުވަހުގެ ތެރޭގައި ކޮންޑޮމީނިއަމްތައް އިމާރާތްކޮށް ހައްގުވެރިންނަށް ހަވާލުކުރަން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ މާލޭ ރަށްވެހިންގެ ތެރެއިން އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދުމަށް، އެކަށޭނަ އާމްދަނީއެއް ނުލިބޭ އާއިލާތަކަށް މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް ކައުންސިލް ހައުސިން ތައާރަފުކުރަން ވަނީ ހިމަނާފަ އެވެ.

ކައުންސިލް ހައުސިން ޕްރޮގްރާމަށް މާލޭގައި ދޭއް އަދި ތިން ކޮޓަރީގެ ޖުމްލަ 2،000 ފްލެޓް އިމާރާތްކުރުމަށް ކަނޑައަޅާފައިވެ އެވެ. މި މަޝްރޫއަށް 2.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު ދެ ކޮޓަރީގެ ފްލެޓްތަކަކީ 650 އަކަފޫޓަށްވުރެ ކުޑަނޫން އަދި ތިން ކޮޓަރީގެ ފްލެޓްތަކަކީ 900 އަކަފޫޓަށްވުރެ ކުޑަނޫން ތަންތަން ކަމުގައިވާނެ ކަމަށްވެސް ޑިމޮކްރެޓުން ބުނެ އެވެ.