އަތޮޅު ތެރޭގެ އިތުރު ހަތަރު ރަށެއްގައި ހައުސިން ޔުނިޓްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން މިރޭ އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ހެނދުނު ވަނީ ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ވެސް އިއުލާންކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ވަކިވަކިން ކުރި އިއުލާން ތަކުގައި ހައުސިން ޔުނިޓް އެޅުމަށް ބަޔަކު ހޯދަނީ ށ. މިލަންދޫ، ނ. ހޮޅުދޫ، ލ. ގަމު އަދި ގއ. ވިލިނގިލީގަ އެވެ.
ފަހުން އިއުލާން ކުރި ރަށްތަކުގެ ތެރެއިން އެންމެ ގިނަ ހައުސިން ޔުނިޓް އަޅަން ނިންމާފައިވަނީ ލ. ގަމުގަ އެވެ. އެރަށުގައި 100 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާއިރު މިލަންދޫ އާއި ވިލިނގިލީގައި އެޅުމަށް ހަމަޖެހިފައިވަނީ 50 ހައުސިން ޔުނިޓެވެ. ހޮޅުދޫގައި އެޅުމަށް ނިންމާފައިވަނީ 30 ހައުސިން ޔުނިޓެވެ.
ރަށްތަކުގައި ހައުސިން ޔުނިޓްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފައިވަނީ ބީލަން ކާމިޔާބު ކުރާ ކުންފުންޏަކުން އަމިއްލަ އަށް ފްލެޓްތައް ޑިޒައިންކޮށް އަދި އިމާރާތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށް ނިންމާފައިވަނީ ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ އަދި ވަކި ގިންތިތަކަކަށް ފެތޭ ކުންފުނިތަކަކަށެވެ.
މަސައްކަތް ކޮށްދިނުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން -- އެންސީބީ އުސޫލުންނެވެ.
ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. މަސައްކަތާ ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އިއުލާން ތަކުގައިވެ އެވެ.
އިއުލާން ތަކުގައި ބުނެފައިވަނީ ބީލަމާ ގުޅިގެން ހާމަކުރާ މައުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި މިމަސައްކަތްތަކާ ބެހޭގޮތުން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖެހުމުގެ ކުރިން އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރުމަށްވެސް އެދިފައިވެ އެވެ.
ހައުސިން ޔުނިޓްތައް އެޅުމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ފައިސާ ބަހައްޓަންޖެހެ އެވެ. ބިޑް ސެކިއުރިޓީގެ އަދަދު އުޅެނީ އެކި ރަށަށް އެކި އަދަދެވެ.
ހުރިހާ ރަށެއްގެ ބީލަންތައް ވެސް ހުށަހެޅުމާއި ބީލަންތައް ހުޅުވުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް މާޗް މަހުގެ ތިންވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގަ އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެކުރިން ވިދާޅުވީ 1.5 ބިލިއަން ރުފިޔާ އިން ރާއްޖޭގެ އެކި ހިސާބުތަކުގައި މަދުވެގެން 1،500 ހައުސިން ޔުނިޓް އެޅޭނެ ކަމަށް ބެލެވޭ ކަމަށެވެ.