ފިނޭންސް މިނިސްޓްރީ

ހިންނަވަރާއި މަނަދޫގައި ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ

Feb 16, 2022
1

އަތޮޅު ތެރޭގެ އިތުރު ދެ ރަށެއްގައި ހައުސިން ޔުނިޓްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފައިވަނީ ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓް އަދި ނ. މަނަދޫ 40 ހައުސިން ޔުނިޓް އެޅުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށެވެ.

ހިންނަވަރުގެ އާބާދީ 5،000އާ ގާތްކުރާއިރު އެ ރަށުގައި ހިއްކާފައިވާ ބޮޑު ބިމެއް އެބައޮތެވެ. އެކަމަކު ހައުސިން މަޝްރޫއެއް އެ ބިމުގައި އަދި މިހާތަނަށް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. މަނަދޫ އަކީ 2،000 މީހުންގެ އާބާދީއެއް އޮތް ބިން ވެސް ބޮޑު ރަށެކެވެ.

ސަރުކާރުން މިމަހުގެ 10 ވަނަ ދުވަހު ވަނީ ހދ. ކުޅުދުއްފުށްޓާއި، ށ. މިލަންދޫއާއި، ނ. ހޮޅުދޫ އާއި، ލ. ގަމު އަދި ގއ. ވިލިނގިލީގައި ވެސް ހައުސިން ޔުނިޓް އަޅައިދޭނެ ފަރާތްތައް ހޯދަން ވެސް އިއުލާންކޮށްފަ އެވެ.

ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އަޅާއިރު ގަމުގައި އަޅަން ނިންމާފައިވަނީ 100 ހައުސިން ޔުނިޓެވެ. މިލަންދޫ އާއި ވިލިނގިލީގައި އެޅުމަށް ހަމަޖެހިފައިވަނީ 50 ހައުސިން ޔުނިޓެވެ. އަދި ހޮޅުދޫގައި އެޅުމަށް ނިންމާފައިވަނީ 30 ހައުސިން ޔުނިޓެވެ.

ރަށްތަކުގައި ހައުސިން ޔުނިޓްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފައިވަނީ ބީލަން ކާމިޔާބު ކުރާ ކުންފުންޏަކުން އަމިއްލަ އަށް ފްލެޓްތައް ޑިޒައިންކޮށް އަދި އިމާރާތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށް ނިންމާފައިވަނީ ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ އަދި ވަކި ގިންތިތަކަކަށް ފެތޭ ކުންފުނިތަކަކަށެވެ.

މަސައްކަތް ކޮށްދިނުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން -- އެންސީބީ އުސޫލުންނެވެ.

ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. އިއުލާން ތަކުގައި ބުނެފައިވަނީ ބީލަމާ ގުޅިގެން ހާމަކުރާ މައުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި މިމަސައްކަތްތަކާ ބެހޭގޮތުން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖެހުމުގެ ކުރިން އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރުމަށްވެސް އެދިފައިވެ އެވެ.

ހައުސިން ޔުނިޓްތައް އެޅުމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ފައިސާ ބަހައްޓަންޖެހެ އެވެ. ބިޑް ސެކިއުރިޓީގެ އަދަދު އުޅެނީ އެކި ރަށަށް އެކި އަދަދެވެ.

ހިންނަވަރާއި މަނަދޫ ފިޔަވާ ދެން ހިމެނޭ ރަށްތަކުގެ ބީލަންތައް ހުށަހެޅުމާއި ބީލަންތައް ހުޅުވުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް މާޗް މަހުގެ ތިންވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގަ އެވެ. ހިންނަވަރާއި މަނަދޫގެ ބީލަން ހުޅުވުމަށް ހަމަޖައްސާފައިވަނީ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެކުރިން ވިދާޅުވީ 1.5 ބިލިއަން ރުފިޔާ އިން ރާއްޖޭގެ އެކި ހިސާބުތަކުގައި މަދުވެގެން 1،500 ހައުސިން ޔުނިޓް އެޅޭނެ ކަމަށް ބެލެވޭ ކަމަށެވެ.