ލ. ގަމުގައިި 200 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައި މިދިޔަ ހަފްތާގައި ކުރި އިއުލާނެއްގައި ވަނީ، ހައުސިން މިނިސްޓްރީގެ އެދުމުގެ މަތީން ގަމުގައި 200 ހައުސިން ޔުނިޓްސް އިމާރާތް ކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު ޝަރުތު ހަމަވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
އިއުލާންގައި ވަނީ، ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި އެއްލައްކަ ޑޮލަރު ނުވަތަ ހުށަހަޅަންޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށްވެސް އިއުލާންގައި ވެއެވެ.
އިއުލާންގައި އިތުރަށް ވަނީ، ބީލަމަށް ހުޅުވުން އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު މިނިސްޓްރީގެ ނެޝަނަލް ޓެންޑަގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ އަންނަ ބުދަ ދުވަހު ކަމަށްވެސް އިއުލާންގައި ވެއެވެ.
ބޯހިޔާވަހި ކަމުގެ ސިޔާސަތަކީ މި ސަރުކާރުން ވަރަށް ބޮޑަށް އަހަންމިއްޔަތު ކަމެއް ދީގެން ކުރިއަށް ގެންދަން ނިންމާފައިވާ ސިޔާސަތެކެވެ. އެގޮތުން މިއަހަރު ބޯހިޔާވަހި ކަމުގެ ހަ ޕްރޮޖެކްޓެއް ހިންގަން ވަނީ ނިންމާފަ އެވެ. އަދި މިހާރު ކުރިއަށް ހަ މަޝްރޫއަކާއެކު ޖުމްލަ 321 މިލިއަން ރުފިޔާ ހައުސިން މަޝްރޫއުތަކަށް ހޭދަކުރުމަށް މިއަހަރު ވަނީ ނިންމާފަ އެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ވަނީ ގަމުގައި 400 ގޯތި ދޫކުރަންވެސް ނިންމާފަ އެވެ.