ލ. ގަން

ގަމުގެ ހައުސިން ޔުނިޓްތައް އެޅުމަށް ތައްޔާރުވެއްޖެ

Jul 16, 2022
1

ލ. ގަމުގައި ސަރުކާރުން އަޅަން ނިންމާފައިވާ 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފި އެވެ.

ގަމުގައި 100 ހައުސިން ޔުނިޓް އެޅުމަށް މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮސްޓްރަކްޝަނަށެވެ.

އެ ކުންފުނިން މިހާރު ވަނީ ގަމުގެ ހައުސިން ޔުނިޓްތައް އެޅުމަށް ބޭނުންވާ ބައެއް ތަކެއްޗާއި ވެހިކަލާއި އަދި ބައެއް މުވައްޒަފުންވެސް އެ ރަށަށް ގެންގޮސްފަ އެވެ.

އަވަސްއާ ވާހަކަދައްކަވަމުން ގަމު ކައުންސިލްގެ ނައިބް ރައީސް އިބްރާހީމް ރަޝީދު ވިދާޅުވީ އެސްޖޭގެ މުވައްޒަފުން އެ ރަށަށް ގޮސް މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެކަމަކު ކައުންސިލަށް އަދި ބައެއް ކަންކަން ނިންމާލެވިފައި ނުވާތީ މާދަމާ އެކަންކަން ނިންމާލުމާ އެކު އެސްޖޭއިން މަސައްކަތް ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މާދަމާ ރަސްމީކޮށް އެބޭފުޅުންނަށް ހައުސިން ޔުނިޓް އަޅާ ބިން ހަވާލުކުރެވޭނީ. ހަގީގަތުގައި އެބޭފުޅުން ރެޑީގައި ތިބީ،" އިބްރާހީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެސްޖޭ އިން ގަމުގައި އަޅާ ހައުސިން ޔުނިޓްތައް ހަވާލުކޮށްފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދޭ ކަމަށެވެ.

އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން އަމިއްލަ އަށް ހައުސިން ޔުނިޓްތައް ޑިޒައިންކޮށް އަދި އިމާރާތް ކުރާ ގޮތަށް ހަވާލުކޮށްފައިވާ މިމަޝްރޫއު އެއް އަހަރުގެ ތެރޭގައި ނިންމަންޖެހެ އެވެ. މަޝްރޫއުގެ އަގަކީ 84.4 މިލިއަން ރުފިޔާ އެވެ.

މިމަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިންނެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ގަމުގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ ކަމަށެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.

މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެ ކަމަށާއި އަދި މުނިފޫހިފިލުވާލުމަށް ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ވެސް ގާއިމުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.