މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އިތުރު އެއް ދުވަސް

މި ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅައި އާންމުކުރުމުން ޝަކުވާތަކެއް ހުރުމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފި އެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޕްލޭނިން މިނިސްޓްރީން ހުޅުވާލީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޭރު ފުރުސަތު ހުޅުވާލީ މިއަދުގެ ހަވީރު 4:00ގެ ނިޔަލަށެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުންދާތީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ ރޭ 11:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިތުރު އެއް ދުވަސް ދީފައިވާއިރު ފްލެޓް ލިބޭ މީހުން ކަނޑައެޅި ގޮތާއި ފްލެޓަށް ފޯމު ހުށަހެޅި އެންމެންގެ ދިރިއުޅުމުގެ ހާލަތު ނުބަލައި މާކްސް ދީފައިވާ ގޮތް ސާފުނުވާ ކަމަށް ބުނެ ބަޔަކު ވަނީ ޕްލޭނިން މިނިސްޓްރީ ތެރެއަށް ވަދެ އިހުތިޖާޖުވެސް ކޮށްފަ އެވެ.

ސަރުކާރުން ދޫކުރަން ނިންމި 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓަށް ހުށަހަޅާ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފްލެޓް ހަވާލުކުރުމުގެ އެއްވެސް މުއާމަލާތެއް ނުކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް ވަނީ ޕްލޭނިން މިނިސްޓްރީއަށް އަންގާފަ އެވެ.

އެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށްވެސް އޭސީސީން ވަނީ ބުނެފަ އެވެ.