މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް 800 ޝަކުވާ

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް 800 ޝަކުވާ ހުށަހަޅައިފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަވަސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރޭގެ ނިޔަލަށް ހަމަވެފައިވާއިރު 800 ފަރާތަކުން ވަނީ ޝަކުވާ ހުށަހަޅާފަ އެވެ.

އަކްރަމް ވިދާޅުވީ މިވަގުތު ކުރަމުންދާ މަސައްކަތަކީ ހުށަހެޅިފައިވާ ޝަކުވާތައް ބަލައި ހައްލު ހޯދުން ކަމަށެވެ.

ދާއިމީ ލިސްޓް ނެރޭނީ ކޮން އިރަކުންތޯ ދެންނެވުމުން އޭނާ ވިދާޅުވީ ދާއިމީ ލިސްޓު ނެރޭނެ ދުވަހެއް ދަންނަވަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ދާއިމީ ލިސްޓު ނެރޭނީ ޖޮއިންޓް އެޕްލިކޭޝަންތައް ޕްރޮސެސްކޮށް ނިމުމުން. އެމަސައްކަތްވެސް މިހާރު ކުރިއަށް އެބަދޭ،" އަކްރަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނިފައިވެ އެވެ. މީގެ ތެރެއިން 19،875 މީހުން ޝަރުތު ފުރިހަމަވާއިރު ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ހިމެނިފައިވަނީ 10،314 މީހުންނެވެ. އަދި މި މީހުންނަށް ގޯތި ލިބެނީ ކޮން ތަނަކުން ކަމެއް އަންގާފައެއް ނުވެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.