މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ބިންވެރިޔާ މަޝްރޫއުގެ ދަށުން 10،314 މީހުންނަށް ގޯތި

ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ 10،314 މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމުކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސަރުކާރުގެ ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗަށް އެދި ހުށަހެޅި ފޯމުތަކުގެ ތަފާސްހިސާބު ހާމަކޮށްފަ އެވެ.

މި މަޝްރޫއުގެ ދަށުން ގޯއްޗަށް ހުޅުވާލުމުން 15،164 ފޯމު ހުށަހަޅާފައިވެ އެވެ.

ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނެ އެވެ. މީގެ ތެރެއިން 19،875 މީހުން ޝަރުތު ފުރިހަމަވާއިރު މީގެ ތެރެއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ހިމެނެނީ 10،314 މީހުންނެވެ.

ޝަރުތު ފުރިހަމަނުވާ 9،544 މީހުންނަށް ޖޮއިންޓް ވެވޭ އުސޫލުން ދެވަނަ ޕްރޮގަރާމްގައި ގޯތި ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

ދަފުތަރުގައިވާ 676 މީހުން ފޯމު ހުށަހަޅާފައިވާއިރު މީގެ ތެރެއިން 290 މީހުން ގޯއްޗަށް ޝަރުތު ހަމަވެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.