ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ފަށައިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލައި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެގޮތުން ދިރިއުޅުމުގެ ހާލަތު ބެލުމަށް ދިއުމަށް ފްލެޓް ލިބުނު މީހުންނަށް ގުޅަމުންދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރީ މިމަހުގެ އަށްވަނަ ދުވަހު އެވެ.
ސްކީމަށް ޝަރުތު ހަމަވާ ހުރިހާ މީހުންނަށް ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރާ 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.
ހަދަމުންދާ ފްލެޓްތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދާ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.