އޭސީސީ

ފްލެޓުގެ ތަހުގީގަށް އޭސީސީން ހައުސިން މިނިސްޓްރީއަށް

މި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގަކަށް އެ ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ވަދެއްޖެ އެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ހިންގާ ތަހުގީގަށް އޭސީސީ އިން ހައުސިން މިނިސްޓްރީއަށް ވަދެފައިވާއިރު މި ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓަށް ހުށަހަޅާ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފްލެޓް ހަވާލުކުރުމުގެ އެއްވެސް މުއާމަލާތެއް ނުކުރަން އޭސީސީން ވަނީ އެ މިނިސްޓްރީއަށް އިއްޔެ އަންގާފަ އެވެ.

ތަހުގީގާ ގުޅޭ ގޮތުން އޭސީސީގެ ބަހެއް އަދި ނުލިބެ އެވެ.

އޭސީސީން އިއްޔެ ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް ހައުސިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އޭސީސީން ބުނެ އެވެ.

ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅައި އާންމުކުރުމުން ޝަކުވާތަކެއް ހުރުމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ވަނީ އިއްޔެ އިން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާފަ އެވެ.