ޑރ. މުހައްމަދު މުއިއްޒު

ފްލެޓް ދިނުން މަޑުޖައްސާލުމަށް މުއިއްޒު އެދިވަޑައިގެންފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓް ދިނުމަށް ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދިނުމަށް ކުރާ މަސައްކަތް މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން އެދިވަޑައިގެންފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފްލެޓްތައް ދޫކުރަން ނިންމާފައިވާ ގޮތުން އެތައް ބައެއްގެ ކަންބޮޑުވުމާއި ޝަކުވާ ހުރިކަން އެނގޭ ކަމަށެވެ.

ފިރުޒުލް ވިދާޅުވީ އާ ސަރުކާރު ހުވާކުރަން ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވާ އަދި ފްލެޓް ދޭން އުޅޭގޮތުން އެތައް ބައެއްގެ ކަންބޮޑުވުންތައް ހުއްޓާ ވަރަށް އަވަސްކޮށްލައިގެން ފްލެޓް ދިނުމުގެ ކަންކަން ނިންމުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން ފްލެޓް ދޫކުރުމުގެ ކަންކަން މިވަގުތަށް މަޑުޖައްސާލުމަށްފަހު އާ ސަރުކާރާ އެ މަސައްކަތް ކުރަން ހަވާލުކުރުމަށް އެދިވަޑައިގެންނެވި އެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވަނީ ނާއިންސާފުގެ ކުރިމަތީގައި ނާއިންސާފުން ކަންތައްތަކެއް ހިނގައިގެންދާއިރު މިކަންކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި ހުރުމަކީވެސް ނުވަތަ އެކަންކަމާ އަޅާނުލެއްވުމަކީވެސް އެއީ އަދުލުވެރި ގޮތެއް ނޫނޭ،" ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނުހައްގުން ނުވަތަ ކަނޑައަޅާފައިވާ ޝަރުތުތަކާ ހިލާފަށް ބަޔަކަށް ފްލެޓް ދީފިނަމަ އާ ސަރުކާރުގައި އެކަންކަން ބަލައި ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ސިޔާސަތަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުން ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ. އެހެންކަމުން މިސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ތެރެއިން ކޮށްފައިވާ މަސައްކަތްތައްވެސް ރައްޔިތުންނަށް އަވަހަށް މަންފާ ލިބޭ ގޮތަށް ނިންމާ ދެއްވުމަކީ އާ ސަރުކާރުން އިސްކަންދެއްވާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތަކާ އެއްގޮތަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ޒަމާންވީ މައްސަލައަށް ވަށާޖެހޭ އެކަށީގެންވާ ހައްލުތަކެއް ގެނެސްދެއްވާނެ ކަމުގެ ފުރިހަމަ އުއްމީދާއި އިތުބާރާއި ޔަގީންކަން ދިވެހި ރައްޔިތުންނަށް މިފުރުސަތުގައިވެސް އަރުވަން،" ފިރުޒުލް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިސަރުކާރުން ހުޅުމާލޭގައި ނިންމުމުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށް ގެންދާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ޕްލޭނިން މިނިސްޓްރީން ލިސްޓް އާންމުކޮށް، ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު އިމާރާތް ކުރަމުންގެންދާ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ.

އިއުލާންގައި ބުނެފައިވަނީ 4،000 ފުލެޓްގެ ތެރެއިން ފުލެޓް ލިބޭ މީހުންނަށް ލިބޭ ފުލެޓް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށެވެ. ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އެންގުމަށް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް ލިސްޓް އާންމުކުރުމާ އެކު ޝަކުވާތައް ފުނިޖެހުމާ ގުޅިގެން އޭސީސީ އިން ވަނީ ޝަކުވާތައް ބެލުމަށްފަހު ނޫނީ ފްލެޓް ހަވާލުކުރުމާ ގުޅޭ އެއްވެސް ކަމެއް ނުކުރަން އަންގާފަ އެވެ. ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އާންމުކޮށް ފުރުސަތު ހުޅުވާލާފަ އެވެ.