އިއާދަކުރަނިވި ހަކަތަ

ހަ ރަށަކަށް ސޯލާ ހަކަތައިން ކަރަންޓު ދޭނެ ބަޔަކު ހޯދަނީ

އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ފޯރުކޮށްދޭ ނިޒާމުތައް ގާއިމު ކުރުމަށް ޓަކައި، ހަ ރަށެއްގައި ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ މަސައްކަތް ކޮސްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކޮށްފި އެވެ.

ވޯލްޑް ބޭންކްގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ އެކްސެލެރޭޓިވް ރިނިއުބަލަން އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) ޕްރޮޖެކްޓްގެ ދަށުން ސޯލާ ޕެނެލް ޖަހައިގެން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން އިއުލާން ކޮށްފައިވާ ރަށްރަށަކީ، ޅ. ހިންނަވަރު، ބ. އޭދަފުށި، ގދ. ތިނަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީ އާއި، އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން އެދިގެން ފިނޭންސް މިިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ، އެ ރަށްތަކުގައި 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަގައިގެން ކަރަންޓު އުފައްދައި ފޯރުކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށާއި މި މަސައްކަތް އެ ރަށްތަކުގައި ގެންދަނީ "ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް، ޓްރާންސްފާ" ގެ އުސޫލުން ކަމަށެވެ. އެހެންކަމުން ނިޒާމު ޑިޒައިިން ކުރުމަށާއި ގާއިމު ކުރުމަށް ހަވާލު ކުރާ ފަރާތަކުން ކަރަންޓުގެ ހިދުމަތް ދީ، ހިންގަން ވެސް ޖެހޭނެ އެވެ.

ހަ ރަށެއްގައި އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް އިން ކޮށްފައިވާ އިއުލާން

މި މަސައްކަތްތަކަށް ޝައުގެރިވެ އަދި ޝަރުތު ހަމަވާ ފަރާތްތަކަށް ޕްރީކޮލިފިނޭޝަން އެޕްލިކޭޝަން ހުށަހެޅުމަަށް ފިނޭންސް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށްޓަކައި މިއަދުން ފެށިގެން އަންނަ މާޗުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލަފަ އެވެ.

އެ ގޮތުން ރަޖިސްޓްރީ ކުރުމަށްޓަކައި 1،500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. ފައިސާ ނުވަތަ ޗެކު ބަލައިގަންނާނީ ރެޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ މުއްދަތުގައި ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ފިނޭންސް މިނިސްޓްރީންނެވެ.

ޕްރީކޮލިފިކޭޝަން އެޕްލިކޭޝަނަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ އެޕްލިކޭޝަން ފޯމުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.