އިއާދަކުރަނިވި ހަކަތަ

ސޯލާ ހަކަތަ ގާއިމު ކުރާ ހަ ރަށުގައި ހިޔާލު ހޯދުމުގެ ސާވޭއެއް ކުރަނީ

ސޯލާ ޕީވީ ސިސްޓަމް ބަހައްޓައިގެން ހަ ރަށެއްގައި އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދައި ހިދުމަތް ދިނުމުގެ ނިޒާމު ގާއިމު ކުރާނެ ސަރަހައްދުތައް ކަނޑައެޅުމަށްޓަކައި އެ ރަށްރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގޮތުން ސާވޭއެއް ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ނިންމައިފި އެވެ.

މިއީ ވޯލްޑް ބޭންކްގެ އެހީގައި އެކްސެލެރޭޓިވް ރިނިއުބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) ޕްރޮޖެކްޓްގެ ދަށުން އެންވަޔަރަމެންޓް މިނިސްޓްރީން ހަ ރަށެއްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަށް އިންވެސްޓް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސޯލާ ޕީވީ ސިސްޓަމް ހަރުކޮށްގެން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫއު ހިންގަން ހަމަޖެހިފައި ވަނީ ބ. އޭދަފުށީގައާއި، ޅ. ހިންނަވަރުގައާއި، ގދ. ތިނަދޫގެ އިތުރުން ހދ. ކުޅުދުއްފުށި ސިޓީއާއި، އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީގަ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ރިނިއުބަލް އެނާޖީ އެވެއާނެސް އޮފިސަރު އިފާދު ވަހީދު ވިދާޅުވީ އެ މަޝްރޫއުއަކީ ވޯލްޑް ބޭންކްގެ އެހީގައި ހިންގާ މަޝްރޫއަކަށްވާއިރު ވޯލްޑް ބޭންކްގެ މިފަދަ މަޝްރޫއުތައް ފެށުމުގެ ކުރިން މަޝްރޫއު ހިންގާ ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމަކީ މިހާރު ލާޒިމު ކަމެއް ކަމަށެވެ.

އެހެންކަމުން ސޯލާ ޕީވީ ސިސްޓަމް ހަރުކުރާ ރަށެއްގެ ރަށުގެ ކައުންސިލާއި ސިޓީއެއްގެ ސިޓީ ކައުންސިލާއި ގުޅިގެން ސާވޭ ފޯމެއް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ކައުންސިލްތަކާ މަޝްވަރާ ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް އިފާދު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ވާނެ އޭދަފުށި، ހިންނަވަރު، ތިނަދޫ، އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލާ މަޝްވަރާ ކޮށްފައި، މި ކަމުގައި، ވަރަށް އަވަހަށް ކުޅުދުއްފުށި ސިޓީގެ ކައުންސިލާ ވެސް މިނިސްޓްރީން މަޝްވަރާ ކުރާނެ،" އިފާދު ވިދާޅުވި އެވެ.

ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް މިނިސްޓްރީން އެ ރަށުގައި ކަނޑައަޅާފައިވާ ބިމުގެ ސަރަހައްދާ މެދު ދެކޭ ގޮތާއި އޭގެ ސަބަބުގެ އިތުރުން އެ ރަށްރަށުގެ ރައްޔިތުން ކަރަންޓު ބޭނުން ކުރާ މިންވަރާއި ކަރަންޓަށް ހޭދަކުރާ މިންވަރު ފަދަ މައުލޫމާތުތައް މި ސާވޭގެ ތެރެއިން ހޯދާނެ އެވެ.

ނިޒާމު ގާއިމުކުރާ ސަރަހައްދުގެ ސަބަބުން އެއްވެސް ބަޔެއްގެ ގެދޮރާއި މުދަލަށް ގެއްލުން ލިބޭތޯ އާއި، އާމްދަނީ ހޯދުމަށް ކުރާ އެއްވެސް މަސައްކަތަކަށް އަސަރެއް ކުރޭތޯ ވެސް ބަލާނެ އެވެ. މަޝްރޫއު ހިންގަމުންދާ ދުވަސްވަރު ސަރަހައްދު ހިރަފުސްވުމުންނާއި އަޑުގަދަވުމުން އާންމު ދިރިއުޅުމަށާއި ޓްރެފިކަށް ކޮށްދާނެ އަސަރުތައް ވެސް ދެނެގަންނާނެ އެވެ.

އައްޑޫގައި ދުނިޔޭގެ އެންމެ ބޮޑު މޫދު ފްލޯޓިން ސޯލާ ޕީވީ ސިސްޓަމް

މި މަޝްރޫއުގެ ދަށުން ހަ ރަށުގައި ބަހައްޓަން ނިންމާފައި ވަނީ ޖުމުލަ 21 މެގަވޮޓްގެ ސޯލާ ޕެނަލް އެވެ. އެ ގޮތުން އައްޑޫގައި 10 މެގަވޮޓްގެ ކަރަންޓު އުފެއްދޭ ވަރުގެ ސޯލާ ޕެނަލްއެއް މޫދުގައި ބަހައްޓަ އެވެ. އެއީ މިހާތަނަށް މޫދުގައި ބަހައްޓާނެ ދުނިޔޭގެ އެންމެ ބޮޑު ސޯލާ ޕީވީ ސިސްޓަމެވެ.

އޭގެ އިތުރުން އައްޑޫ ސިޓީގެ ތިން ރަށެއްގައާއި ސޯލާ ޕީވީ ސިސްޓަމް ބަހައްޓާ އަނެއް ފަސް ރަށުގައި 11 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމްއެއް އެއްގަމުގައި ބަހައްޓާނެ އެވެ.

މި ރަށްރަށުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް އަވިން ހަކަތަ އުފައްދައިގެން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނެ އިންވެސްޓަރުން ހޯދަމުން ދަނީ "ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް، ޓްރާންސްފާ" ގެ އުސޫލުންނެވެ. އެހެންކަމުން ނިޒާމު ޑިޒައިންކޮށް ގާއިމު ކުރުމަށް ހަވާލުކުރާ ފަރާތަކުން ކަރަންޓުގެ ހިދުމަތްދީ، ހިންގަން ވެސް ޖެހެ އެވެ.