ހަބަރު

ދެކުނުގެ ކުނި މެނޭޖްކޮށް ހަކަތަ އުފައްދަން ކޮރެއާ ކުންފުންޏަކަށް

އައްޑޫ އާއި ފުވައްމުލައް ހިމެނޭ ސަރަހައްދުގެ ކުނި މެނޭޖްކޮށް އެއިން ހަކަތަ އުފައްދަން ބޭނުންވާ "ވޭސްޓް ޓް އެނާޖީ" ފެސިލިޓީ ގާއިމު ކުރަން ކޮރެއާ ކުންފުންޏަކަށް ދީފި އެވެ. ޖުމްލަ 16 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 244 މިލިއަން ދިވެހި ރުފިިޔާ) ގެ މި މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ އެވެ.

އައްޑޫސިޓީ ނޭޗާ ޕާކްގަައި ބޭއްވި ރަސްމިއްޔާތެއްގައި އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ސޮއި ކުރައްވާ މަސައްކަތް ހަވާލު ކުރީ ކޮރެއާގެ ލޮޓަސް ކުންވަ ޖޮއިންޓް ވެންޗާ އެވެ. މި ކުންފުންޏާ ހަވާލު ކުރި މި މަޝްރޫއަށް ހޭދަވާ 16 މިލިއަން ޑޮލަރު ހަރަދު ކުރާނީ ގްރީން ފަންޑުގެ ތެރެއިންނެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީން ބުނީ މިއީ ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ހިމެނޭ މޯލްޑިވްސް ގްރީން ފަންޑުން ހަރަދުކޮށްގެން ހިންގާ ފުރަތަމަ މަޝްރޫ ކަމަށެވެ.

ދެކުނުގެ މި މަޝްރޫއުގައި އިންސްޓޯލް ކުރާ ޕްލާންޓްގައި ކުނި މެނޭކްކޮށް އެ ކުނިން ދުވާލަކު 1.5 މެގަވޮޓްގެ ކަރަންޓް އުފައްދާނެ އެވެ. މިނިސްޓްރީން ބުނީ އޭގެ ތެރެއިން އެއް މެގަވޮޓް ކަރަންޓް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދޭ މައި ވިއުގަ އާއި ގުޅާލާނެ ކަމަށާއި ބާކީ 500 ކިލޯވޮޓްގެ ކަރަންޓު ބޭނުން ކުރާނީ އެ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ ހިންގަން ކަމަށެވެ.

މި މަޝްރޫއުގެ ތެރޭ ފުވައްމުލަކު ސިޓީގައި ކުރާ މަސައްކަތްތަކުގެ ތެރޭގައި އެ ސިޓީގެ ކުނި މި ފެސިލިޓީއަށް ގެންދަން ކުރަންޖެހޭ ކަންކަން ކުރުން ހިމެނެ އެވެ. އެގޮތުން ފުވައްމުލަކުގައި ރަނގަޅު ފެންވަރުގެ ވޭސްޓް ބޭލިން ސިސްޓަމެއް ނުވަތަ ކުނި ބައިކޮށް ފިއްތައި ބައިބަޔަށް އަޅައިދޭ ނިޒާމެއްގެ ތެރެއިން ކުނީގެ ބައިތައް އައްޑުއަށް ގެންގޮސް އިންސިނެރޭޓްކުރުން ހިމެނެ އެވެ.

އަށާރަ މަސްދުވަހުން ނިންމޭނެ ކަމަށް އަންދާޒާކޮށްފައިވާ މި ޕްރޮޖެކްޓްގެ ހިދުމަތް 2021 ވަނަ އަހަރު ދޭން ފަށާނެ އެވެ.

އެންވާރަމަންޓް މިނިސްޓަރު އިއްޔެ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ނިޒާމެއް މުޅި ރާއްޖޭގައި ގާއިމު ކޮށް ދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި މި އަމާޒަށް ވާސިލުވުމަށާއި ދާއިރާ ތަރައްގީކޮށް ހަރުދަނާ ކުރަން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށެވެ.

އަދި ވިދާޅުވީ މި މަޝްރޫއު ނިމުމުން އެ ނިޒާމުގެ އެހީގައި އުފައްދާ އިއާދަ ކުރަނިވި ހަކަތަ މައި ވިއުގައާއި ގުޅާލުމުން ހިތަދޫގެ ޕަވާހައުސްއިން ކަރަންޓު އުފައްދަން އަންދަމުންދާ ޑީސަލްގެ މިންވަރު މަދުވެ އެކަމަށް އެކުންފުނިން ކުރަމުންދާ ހަރަދު ވެސް ކުޑަވެގެންދާނެ ކަމަށެވެ.