ލ. ގަން

13 އަހަރު ފަހުން ގަމުން 400 ގޯތި ދީފި

މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްރަށުގެ މީހުނާއި ވިޔަފާރިވެރިންނާއި ހުރިހާ ސިޔާސީ ބޭފުޅުން، ގިނަ އަދަދަކަށް ގޯތި ހޯދާފައިވާ ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމުން 400 ގޯތި ދޫކޮށް ގޯތި ހަވާލު ކޮށްފި އެވެ.

ގަމުން ގޯތި ދޫކުރުމުގައި ތަފާތު އެކި ފަހަރު މަތީން މައްސަލަތައް ދިމާވަމުން ދިއުމަށް ފަހު މި ފަހަރު ގޯތި ދޫކޮށް ހަވާލު ކޮށްފައި ވަނީ 13 އަހަރު ފަހުންނެވެ. ތުނޑި އާއި މަތިމަރަދޫ އާއި މުކުރިމަގު ހިމެނޭ ގޮތަށް ތިން އަވަށް އޮންނަ ބިޔަ ރަށުން އެންމެ ފަހުން ގޯތިދޫކޮށްފައި ވަނީ 2007 ވަނަ އަހަރު އެވެ.

ގަމަކީ ބޯ ޖަންގައްޔާއެކު ރަށް ބޮޑުވުމުގެ އިތުރުން އެ އަތޮޅުގެ ސިނާއީ ރަށް، އަދި މަސް ކާރުހާނާއެއް ހިންގާ މާންދޫ އާއި މަދަނީ ވައިގެ ހިދުމަތަށް ބޭނުން ކުރާ އެކަމަކު އިސްކަންދަރު ވައިގެ ބަނދަރުގެ ނަމުގައި މިލިޓަރީ އެއާޕޯޓެއް ހިންގާ ކައްދޫ އާއި ބޮޑު އާބާދީއެއް އޮންނަ އެ އަތޮޅު ފޮނަދޫ އާ އެއް ފަހަށް ގުޅާލާފައިވާ ރަށެކެވެ.

ސުނާމީއަށް ފަހު އެ އަތޮޅު މުންޑޫގެ އާބާދީގެ ގާތްގަނޑަކަށް އެންމެނާއި އެ އަތޮޅު ކަޅައިދޫގެ މުޅި އާބާދީ އާއި އަދި ގއ. ދިޔަދޫ މީހުން ބަދަލުވި ގަމުގެ ކައުންސިލްގެ ނައިބު ރައީސް، އަހުމަދު ޝާހީން ރޭ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގަމުން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2007 ގައި ކަމަށެވެ.

އޭނާ ވިދާޅުވީ ގޯތި ދޫނުކޮށް އެހާ ގިނަ ދުވަސްވީ ތަފާތު ސަބަބުތައް މެދުވެރި ވެގެން ކަމަށާއި މީގެ ކުރީން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު އޮތް އިރު އެރަށުގައި އޮތީ އެމްޑީޕީ މެޖޯރިޓީ އޮތް ކައުންސިލެއް ކަމަށާއި އޭރު ސަރުކާރާއި ކައުންސިލާ ގުޅުމެއް ނެތުމުން ވެސް ގަމުން ގޯތި ނުދެވުނު ކަމަށެވެ.

ރައީސް ޔާމީނު ސަރުކާރުގެ ފަހު ދުވަސްވަރު ވެސް ގަމުން ގޯތި ދޭން މަސައްކަތް ކުރި އެވެ. ނަމަވެސް ތަފާތު މައްސަލަތައް ދިމާ ވެގެން އެކަން ހުއްޓުނީ އެވެ.

މިހާރު ވެސް އެމްޑީޕީ މެޖޯރިޓީއެއް އޮތް އެ ކައުންސިލުން ބުނީ، އެ ރަށުން ގޯތި ދޫކުރުމަށް އިއުލާނު ނުކުރާތާ ދުވަސްތައް ވުމަށް ފަހު ގޯތި ދޫކުރަން ހުއްދައެއް ލިބުނީ މި ސަރުކާރުގައި ކަމަށާއި އެ ގޮތުން 13 އަހަރު ފަހުން 2019 ވަނަ އަހަރުގެ އޯގަސްޓް މަހު ގޯއްޗަށް ކުރިމަތިލާން ހުޅުވާލި ކަމަށެވެ. އޭރު އިއުލާން ކުރީ 2،000 އަކަފޫޓުގެ 400 ގޯތި ދޭށެވެ.

މި އިއުލާނާ ގުޅިގެން ކުރިމަތި މީހުންގެ ތެރެއިން ގޯތި ލިބުނު މީހުންގެ ލިސްޓް ސަރުކާރުގެ ގެޒެޓް ގައި ތިން ފަހަރަކު ޝާއިއު ކުރި އެވެ.

އެންމެ ފުރަތަމަ އެރަށުން ގޯތި ލިބުނު މީހުންގެ ލިސްޓް އާއްމު ކޮށްފައި ވަނީ މި އަހަރުގެ ޖޫން މަހު ތިން ވަނަ ދުވަހު އެވެ. އެ ލިސްޓާއެކު އާންމުކުރި އިއުލާނުގައި ބުނެފައި ވަނީ ލިސްޓްގައިވާ މީހުންނަށް އީމެއިލް މެދުވެރިކޮށް ގޯތި ލިބުނުކަން އަންގައިދޭ ލިޔުން ފޮނުވާނެ ކަމަށެވެ. ނަމަވެސް ލިސްޓް އާންމުކުރިތާ 11 ވަރަކަށް ގަޑިއިރު ފަހުން ގޯތި ލިބުނު މީހުންގެ ލިސްޓް ބާތިލު ކޮށްފައިވެ އެވެ. އަދި ފަހުން ގެޒެޓްގައިވާ އިއުލާނު ނެގި އެވެ.

ދެވަނަ ފަހަަރަށް ގަމު ރައްޔިތުންނަށް ގޯތި ލިބުން ކަމުގެ ލިޔުން ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވަނީ މި އަހަރުގެ ޖޫން މަހު 10 ވަނަ ދުވަހު އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ ގަމުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލު ކުުރުމާއި، ގުރުއަތު ނަގާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އާންމު ހާލަތަށް އައުމުން ކަމަށެވެ.

ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުލައި ދިއުމުން ޝަރުތު ހަމަވާ ފަރާތްތަކުގެ ފައިނަލް ލިސްޓް ގެޒެޓް ގައި ޝާއިއު ކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އަދި މި މަހުގެ 26 ވަނަ ދުވަހު ގޯތި ލިބުނު ފަރާތް ތަކަށް ވަނީ ގޯތި ހަވާލު ކޮށްފަ އެވެ.

ޝާހީން ވިދާޅުވީ ދޫކުރި 400 ގޯއްޗާ ގުޅިގެން މިހާތަނަށް އެއްވެސް ޝަކުވާ އެއް އައިސްފައި ނެތް ކަމަށާއި އަދި ވިދާޅުވީ ގޯތި ތަކުގެ ވަގުތީ ރަޖިސްޓަރީ ހަދައިދީ ދޫކުރާން ފަށާނީ ޖެނުއަރީ 14 ގައި ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ގޯތި ލިބުނު މީހުން އެއް ގޯތި އަނެއް ގޯއްޗާ ބަދަލު ކުރުމުގެ ފުރުސަތު ވެސް ޖެނުއަރީ ހަތަރުވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.