ހަބަރު

ޖީހާނަށް ގަމުން ގޯތި ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހްމޫދަށް ލ. ގަމުން ދޫކުރާ ގޯއްޗަށް ޝަރުތު ހަމަވާ ވަރަށް ޕޮއިންޓް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އޭސީސީގެ މީޑީއާ އޮފިޝަލް ވިދާޅުވީ ޖީހާނަށް ގަމުން ގޯތި ދިން މައްސަލަ އެ ކޮމިޝަނުން ބަލަން ފެށީ ކޮމިޝަންގެ އިސްނެގުމަކަށް ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށް ވެސް އެ ރަށުން ގޯތި ދޫކުރަން ޕޮއިންޓް ދިނުމުގައި ގަމު ކައުންސިލުން އަމަލު ކުރި ގޮތް ވެސް އޭސީސީން ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވިދާޅުވި އެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ޅ. ހިންނަވަރަށް އުފަން ޖީހާންގެ ފިރިކަލުންނަކީ ގަމުގެ ރައްވެއްސެކެވެ. އެ ދެމަފިރިންގެ ދެ ކުދިންގެ ރަށްވެހިކަން އޮންނަނީ ވެސް އެ ރަށަށެވެ. ގަމުން މި ފަހަރު ގޯތި ދޫކުރާ މީހުންގެ ލިސްޓުގައި ޖީހާންގެ ނަން ވެސް އޮތެވެ.

ނަމަވެސް ލިސްޓުގައިވާ ގޮތުން ޖީހާނަށް ލިބުނު ޕޮއިންޓްތަކުގެ ތެރޭގައި ގަމުގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓް ލިބޭ ބައިން 10 ޕޮއިންޓް ލިބިވަޑައިގެންފަ އެވެ. ޖީހާންގެ ފިރިކަލުންނަކީ ގަމު ބޭފުޅަކަށް ވިޔަސް ޖީހާން މާލޭގައި ދިރިއުޅުއްވާތީ އެ ޕޮއިންޓްތައް ލިބެން ނުޖެހޭނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގަމު ކައުންސިލުން ބުނެފައިވާ ގޮތުގައި، ރަށުން ބޭރު މީހަކަށް ވިޔަސް އެ ރަށުގެ މީހަކާ ކައިވެނިކޮށްގެން އުޅޭނަމަ ނުވަތަ އެ މީހުންގެ ދަރިން އެ ރަށުގައި ރަޖިސްޓްރީ ކޮށްފައިވާނަމަ 10 ޕޮއިންޓް ލިބޭ ގޮތަށް ކަނޑައަޅާފައިވެ އެވެ. ޖީހާންގެ އިތުރުން އެހެން މީހުނަށް ވެސް އެ އުސޫލުން ޕޮއިންޓް ދީފައިވާ ކަމަށް ގަމު ކައުންސިލުން ބުނެ އެވެ.

މި މައްސަލާގައި ޖީހާން ވިދާޅުވެފައި ވަނީ އޭނާއަށް ގަމުގައި ދިރިއުޅޭ މީހުނަށް ޕޮއިންޓް ލިބޭ ބައިން ޕޮއިންޓް ލިބިވަޑައިގެންނެވި ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ކަމަށް ނުފޫޒެއް ވެސް ފޯރުވާފައި ނުވާނެ ކަމަށެވެ. ޖީހާން ވަނީ އެ ކަމާ މެދު ސުވާލު އުފެދިފައި ވާތީ ފަހުން އެ ގޯތި ދޫކޮށްލައްވަން ނިންމަވައިފަ އެވެ.

ގަމުން ދޫކުރަން ނިންމާފައިވާ 400 ގޯއްޗަށް ކުރިމަތިލި މީހުންގެ ލިސްޓުގައި ޖީހާންގެ ނަން އޮތްއިރު، އެ ލިސްޓުގައިވާ ގޮތުން ޖީހާނަށް 71 ޕޮއިންޓް ލިބިވަޑައިގަތެވެ. ރަށުގައި ދިރިއުޅޭ މީހުންގެ ބައިން ލިބޭ 10 ޕޮއިންޓް އުނިކޮށްފިނަމަ ޖީހާނަށް ލިބިވަޑައިގަންނަވާނީ 61 ޕޮއިންޓެވެ. އެ ލިސްޓުގައި އެންމެ މަދުން ޕޮއިންޓް ލިބިފައިވާ މީހުނަށް 67 ޕޮއިންޓް ލިބިފައިވެ އެވެ.

ގަމުން މީގެ ކުރިން ގޯތި ދޫކޮށްފައި ވަނީ 2007 ވަނަ އަހަރުގަ އެވެ. އެތައް އަހަރެއް ފަހުން ގަމުން ގޯތި ދޫކުރަން ހުޅުވާލުމުން 400 ގޯއްޗަށް 1،400 އަށް ވުރެ ގިނަ މީހުން އެ ކަމަށް އެދި ފޯމު ހުށަހެޅި އެވެ. ގޯތި ލިބޭނެ 400 މީހުންގެ ލިސްޓާއި، މީހަކު ގޯތި ދޫކޮށްލާނަމަ ދެން ދެވޭނެ 49 މީހެއްގެ ލިސްޓެއް ކައުންސިލުން އާންމުކުރި އެވެ.