ހަބަރު

މައްސަލަ ބޮޑުވެ، ޖީހާނަށް ގަމުން ލިބުނު ގޯތި ދޫކޮށްލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހްމޫދަށް ލ. ގަމުން ގޯއްޗެއް ލިބިވަޑައިގެންނެވި ގޮތާ މެދު ސުވާލު އުފެއްދުމުން، އޭނާ އެ ގޯތި ދޫކޮށްލައްވައިފި އެވެ.

ޅ. ހިންނަވަރަށް އުފަން ޖީހާންގެ ފިރިކަލުންނަކީ ގަމުގެ ރައްވެއްސެކެވެ. އެ ދެމަފިރިންގެ ދެ ކުދިންގެ ރަށްވެހިކަން އޮންނަނީ ވެސް އެ ރަށަށެވެ. ގަމުން މި ފަހަރު ގޯތި ދޫކުރާ މީހުންގެ ލިސްޓުގައި ޖީހާންގެ ނަން ވެސް އޮތެވެ.

ނަމަވެސް ލިސްޓުގައިވާ ގޮތުން ޖީހާނަށް ލިބުނު ޕޮއިންޓްތަކުގެ ތެރޭގައި ގަމުގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓް ލިބޭ ބައިން 10 ޕޮއިންޓް ލިބިވަޑައިގެންފަ އެވެ. އެހެންކަމުން އެ ލިސްޓުގައި ޖީހާންގެ ނަން އޮތް ގޮތަކާ މެދު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސުވާލު ކުރަމުންނެވެ.

ޖީހާން މިއަދު "އަވަސް" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާއަކީ މާލޭންނާއި ރަށުގައި ވެސް ގޯއްޗެއް އޮތް މީހަކަށް ނުވާތީ އެހެން ރަށްރަށުގެ މީހުނަށް ކުރިމަތިލެވޭ ގޮތަށް އޭނާގެ ފިރިމީހާގެ ރަށުން ފުރުސަތު ހުޅުވާލުމުން ގޯއްޗަކަށް އެދި ފޯމު ހުށަހެޅުއްވީ ކަމަށެވެ.

"އަޅުގަނޑަކީ މާލޭގަ ވެސް، ހިންނަވަރުގައި ވެސް، ގޯއްޗެއް އޮތް މީހެއް ނޫން. އެހެންވެ ގަމުން ރަށުން ބޭރު މީހުނަށް ދޫކުރާ ކެޓަގަރީން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާނީ، އަޅުގަނޑުގެ ދެ ކުދިންގެ ރަޖިސްޓްރީ ވެސް ގަމުގައި އޮންނާނީ، ދެ ކުދިންގެ މުސްތަގުބަލަށް ވިސްނާފައި ފޯމު ހުށަހެޅީ،" ޖީހާން ވިދާޅުވި އެވެ.

ޖީހާން ވިދާޅުވި ގޮތުގައި ގޯތި ލިބޭ މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތް ކަން އެނގިވަޑައިގަތީ ނޫހެއްގައި ރިޕޯޓުކޮށްފައި އޮއްވައި ފެނިވަޑައިގެންނެވެ. އަދި ގަމުގައި ދިރިއުޅޭ ކަމަށް ޕޮއިންޓް ލިބިފައި ވަނީ ކިހިނެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ގޯތި ހޯދުމަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކަމެއް ވެގެން ދިޔަ ގޮތް ސާފުކުރުމަށް ގަމުގެ ރަށު ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ޖީހާން ވިދާޅުވި އެވެ. އަދި އެ ގޯތި ލިބުނު ގޮތާ މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދިފައިވާތީ ގޯތި ދޫކޮށްލައްވަން، އޭނާގެ ފޯމު ބާތިލުކޮށްދިނުމަށް ވެސް ކައުންސިލްގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ގަމުގައި ދިރުއުޅޭ ކަމަށް ޕޮއިންޓް ލިބުނު ގޮތެއް، ދެން ގޯތި ދޫކުރުމުގައި ދޮއިންޓް ދީފައިވާ އެ ނިޒާމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިފައިވާތީ، އެ ގޮތަށް ލިބޭ ގޯއްޗެއް ބޭނުން ކުރަން އަޅުގަނޑު ބޭނުން ނުވީ، އެހެންވެ ގޯތި ދޫކޮށްލަން ބޭނުންވާ ކަމަށް ކައުންސިލަށް އަންގާފައިވާނީ،" ޖީހާން ވިދާޅުވި އެވެ.

ގަމުން މީގެ ކުރިން ގޯތި ދޫކޮށްފައި ވަނީ 2007 ވަނަ އަހަރުގަ އެވެ. އެތައް އަހަރެއް ފަހުން ގަމުން ގޯތި ދޫކުރަން ހުޅުވާލުމުން 400 ގޯއްޗަށް 1،400 އަށް ވުރެ ގިނަ މީހުން އެ ކަމަށް އެދި ފޯމު ހުށަހެޅި އެވެ. ގޯތި ލިބޭނެ 400 މީހުންގެ ލިސްޓާއި، މީހަކު ގޯތި ދޫކޮށްލާނަމަ ދެން ދެވޭނެ 49 މީހެއްގެ ލިސްޓެއް ކައުންސިލުން އާންމުކުރި އެވެ.