ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވެ މި ފުރުސަތުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
ގއ. މާމެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށެވެ.
ރައީސް މުއިއްޒު ވަނީ "ދިވެހީންގެރާއްޖެ" މެނިފެސްޓޯގައިވެސް ހިމަނާފައިވާ ފަދައިން މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކު ކަމުގައިވިޔަސް އެމީހެއްގެ އަމިއްލަ ގޯތި އުޅެވޭ ވަރުގެ ހިޔާވައްސަކަށް ހެދޭނެކަމުގެ އުންމީދު ދެއްވާފަ އެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެވޭނެ ދެވަނަ ގޮތަކީ ހައުސިންގް މަޝްރޫއުތައް ހިންގައިގެން ކަމަށްވާތީ މި މަޝްރޫއުތައް މިއަހަރު ފެށުމަށް ދައުލަތުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހިމަނާފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
މިއީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ބަޖެޓަށް އިތުރު ކުރެވޭނެ މިންވަރެއް ކަމަށާ މަގުސަދަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ހަގީގީ މާނައިގައި ދާއިމީ ހައްލެއް ހޯދައިދިނުން ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހިނގަމުންދާ މި ރިޔާސީ ދައުރު ނިމޭއިރު ދިވެހި ކޮންމެ ރައްޔިތަކީ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއްގެ ފުރުސަތު އޮތް މީހަކަށްވުމަކީ އަމާޒު ކަމަށެވެ.
ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓު ބޮޑުނުވާ ގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް ދޫކުރަން ފަށްޓަވާނޭކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ ނިމިދިޔަ އަހަރުގެ މިނިވަންދުވަހު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
"ހިޔާވެހި ފައިނޭންސިންގް ޕްރޮގްރާމް" އިފްތިތާހުކުރީ ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.