ޑިމޮކްރެޓިކް ނިޒާމު ފުނޑާލަނީ ކަމަށް ބުނެ އެމްޑީޕީ އިން މާލޭގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
މާލޭގެ މަގުތަކުގައި އެމްޑީޕީ އިން މިހާރު ކުރަމުންދާ މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މިހާރުގެ ބައެއް މެންބަރުންނާއި ކުރީގެ ބައެއް މެންބަރުންގެ އިތުރުން ޕާޓީގެ ސަޕޯޓަރުން ދަނީ ބައިވެރިވަމުންނެވެ.
މުޒާހަރާގެ ބައިވެރިން ދަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނުތައް އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާތީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
މީގެ އިތުރުން ސަރުކާރުން ކަންކަން ސިއްރުކުރަމުންދާ ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.
މުޒާހަރާގައި ބައިވެރިވާ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ރައްޔިތުންގެ ހައްގުގައި އެމްޑީޕީ ތެދުވާނެ ކަމަށާއި އެމްޑީޕީގެ މެންބަރުންނަކީ ބިރަކަށް ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށެވެ.