ވަރަށް އާދަޔާޚިލާފު ވާހަކަތައް ކޮންމެ ދުވަހަކުވެސް ސޯޝަލް މީޑިއާ އިން ފެނެ އެވެ. ޓިކްޓޮކްގައި ޝެލްބީ ނަމަކަށް ކިޔާ މީހަކު ޝެއާ ކޮށްފައިވާ މި ވާހަކައަކީ ވެސް އަޖައިބެއް ކަހަލަ ވާހަކަ އެކެވެ. އޭނާ ބުނި ގޮތުގައި އޭނާ އަކީ އެއްމާބަނޑު ތިން ބޭންގެ ތެރެއިން އެކަކެވެ. ނަމަވެސް އޭނާގެ އަނެއް ދެ ދައްތަ އަށްވުރެ އޭނާ ހަތަރު އަހަރު ހަގެވެ.
މިހެން ދިމާވި ސަބަބު ވެސް އޭނާ ކިޔައިދީފައި ވެއެވެ. ޝެލްބީ ބުނި ގޮތުގައި އެ ތިން ބޭންގެ މައިންބަފައިން އެ ތިން ބޭން ހޯދީ އައިވީއެފް ހަދައިގެންނެވެ. އެގޮތުން އައިވީއެފް ހަދަން ގަނޑުކުރި އެމްބްރިޔޯ (ދަރިފަނި) ތަކުގެ ތެރެއިން ފުރަތަމަ ފަހަރު ބޭނުންވީ އެއްބައި އެމްބްރިޔޯ އެވެ. އެ އެމްބްރިޔޯތަކުން އައިވީއެފް ހަދައިގެން ލިބިފައިވަނީ މިހާރު 32 އަހަރު ފުރިފައިވާ ކޯޓްނީ އާއި ބޭކާ އާ ދެބެންނެވެ. އަދި އެ ފަހަރު އައިވީއެފް ހަދާފައި ބާކީ ހުރި އެމްބްރިއޯތައް ހުރީ ލެބޯޓްރީގައި ރައްކާ ކޮށްފަ އެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން އަނެއްކާވެސް އައިވީއެފް ހަދަން އޭނާގެ މައިންބަފައިން ނިންމީ އެވެ.
"ޑޮކްޓަރު ބުނި މަންމަ ކައިރީ އެމްބްރިޔޯތައް ފްރީޒްކޮށްފައި ހުންނަތާ އެހާ ގިނަ ދުވަސްވެފައިވާތީ އެ ރަނގަޅެއް ނުވާނޭ މިހާރަކު. ނަމަވެސް މަންމަ އެ ވާހަކަ ގަބޫލު ނުކޮށް އެ އެމްބްރިޔޯތަކުން އައިވީއެފް ހަދައިގެން އަހަރެން ލިބުނީ،" ޝެލްބީ ބުންޏެވެ.
ޝެލްބީ ބުނި ގޮތުގައި އޭނާ އާއި އޭނާގެ ދެ ދައްތައަކީ އެއް ފަހަރާ ގަރުބަ ގަނެފައިވާ ކުދިންނެވެ. ނަމަވެސް އުފަންވުމުގައި އޭނާ ހަތަރު އަހަރު ފަސްވީ އެވެ.
މި ކުދިންނަކީ އެއްމާބަނޑު ކުދިން ނަމަވެސް އެކަކު އަނެކަކާ އެއްގޮތަކަށް ވެސް ވައްތަރެއް ނޫނެވެ. އަދި އުޅުމާއި މިޒާޖު ވެސް އެކި މީހުންގެ ތަފާތެވެ. ނަމަވެސް މި ތިން ބޭންގެ ފޮޓޯތައް ބަލާފައި ބައެއް މީހުން ބުނެފައި ވަނީ ޝެލްބީ ހީވަނީ އޭނާގެ ދެ ދައްތަގެ މިކްސް އެއް ހެންނެވެ.