އުކުނު ފިލުވާނެ ޝޭމްޕޫ އާއި ބޭސް ނުހުންނަ ޒަމާނުގައި އުކުނު އަޅައިފިނަމަ އެ ފިލުވާނެ ގޮތެއް ނޭނގިގެން މީހުން އެގޮތް މިގޮތް ހަދަ އެވެ. ނަމަވެސް މިޒަމާނުގައި ބޮލަށް އުކުނެއް އެރިޔަސް އެކަން އެނގޭއިރަށް އެ ނައްތާލާކަށް މާބޮޑު އުނދަގުލަކަށް ނުވެ އެވެ. އެކަމަށް ޚާއްސަ ޝޭމްޕޫ އާއި ތެޔޮ ފަދަ ތަކެތި ހުންނާތީ އެވެ. ނަމަވެސް ދާދިފަހުން ސެލޫނަކަށް އިސްތަށިގަނޑަށް ފަރުވާ ހޯދަން ދިޔަ 12 އަހަރުގެ އަންހެން ކުއްޖެއްގެ އިސްތަށިގަނޑުގައި އުކުނު ގިނަ ކަމުން އެ ކުއްޖާގެ އިސްތަށިގަނޑަށް ފަރުވާ ދޭން ހުރި ބޯކޮށާ މީހާގެ ލޯލިތައް ވެސް ކޮޅަށް ޖެހުނެވެ.
ރާޗޭލް މަރޯން އަކީ އުކުނާބެހޭ ތަޖުރިބާކާރެކެވެ. އަދި ހެއާ ޑްރެސާއެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އޭނާ ވަނީ މި ކުއްޖާގެ ބޮލުން އުކުނު ފިލުވަން ދިން ފަރުވާތައް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. ރާޗޭލް ބުނި ގޮތުގައި ކުޑަ އަންހެންކުއްޖާ ބޭނުންވީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އޭނާގެ ބޮލުގައި ހުރި އުކުނުތައް ނަގައިދޭށެވެ.
މި ކުއްޖާގެ ބޮލުން އުކުނު ފިލުވަން މަސައްކަތްކުރި ގޮތުގެ ވީޑީއޯ ރާޗަލް ވަނީ ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ. އެ ވީޑީއޯގައި ފެންނަނީ އެ ކުއްޖާގެ އިސްތަށިގަނޑުގައި އުކުނުތައް އުތުރި އަރާތަނެވެ. އެއްގޮތަކަށް ވެސް އިސްތަށިގަނޑު ހާވާލާފައި އެތެރެ ބަލާ ނުލަނީސް ވެސް އެތައް ހާސް އުކުނެއް އިސްތަށިގަނޑުގެ މަތިން ދުވާތަން ވަނީ ފެނިފަ އެވެ. އަދި އިސްތަށިތައް ދުރުކޮށްލާފައި ދައްކާލުމުން އިތުރަށް އެތައް ހާސް އުކުނަކާއި ބިހެއް ފެންނަން ހުއްޓެވެ.
މި ކުއްޖާގެ ބޮލުގައި އުކުނުއަޅާފައި ހުރި ވަރުން އޭނާގެ އިސްތަށީގަނޑު ފިޔަވައި ލައިގެން ހުރި ޖެކެޓާއި ކަނދުރާ އާއި އަތުގައި ވެސް ގިނަ އަދަދަކަށް އުކުނު ހުއްޓެވެ.
މި ކުއްޖާގެ އިސްތަށިގަނޑު އެއްކޮށް ބާލާލުމުގެ ބަދަލުގައި ސްޕެޝަލިސްޓް ބޭނުންވީ ފަރުވާ ދީގެން އިސްތަށިގަނޑުން އުކުނުތައް މުޅިން ފިލުވާލަން ކަމަށް ވީޑީއޯގައި އޭނާ ބުނެފައި ވެއެވެ.
މި ފަރުވާއަށް ބަރާބަރު ނުވަ ގަޑިއިރު ނެގި އެވެ. އަދި ފަރުވާ ނިމުނުއިރު ކުއްޖާގެ އިސްތަށިގަނޑުން އުކުނު މުޅިން ނައްތާލެވިފައިވާ ކަމަށް ވީޑިއޯގައި ބުނެފައި ވެއެވެ. އުކުނު ފިލުވުމަށްޓަކައި ވަރަށް ގަދަޔަށް ގިނައިރުތަކެއް ވަންދެން ދަތްކުދި ފުނާއެޅުމުގެ އިތުރުން ކެމިކަލް ޓްރީޓްމަންޓްތައް ވެސް ވަނީ ދީފަ އެވެ.
އުކުނު ސްޕެޝަލިސްޓް ބުނި ގޮތުގައި ފުރަތަމަ ދުވަހުގެ ފަރުވާ އަށް ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އުކުނު ނައްތާލުމުގެ ދެ ވަނަ ބުރެއްގެ ފަރުވާ ވެސް ކުރިޔަށް ގެންދިޔަ އެވެ. އެއީ އިސްތަށިތަކުގައި ހުރި ބިސްތައް ނައްތާލުމުގެ ފަރުވާ ކަމަށް ރާޗަލް ބުނެފައި ވެއެވެ.