ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައިފި އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަށް ޖޭއެސްސީ އިން ފިޔަވަޅު އަޅާފައިވަނީ އަދުލު އިންސާފަށް އިތުބާރު ގެއްލޭފަދަ ގޮތަކަށް އަމަލުކޮށްފައިވާތީ ކަމަށް އެކޮމިޝަނުން ބުނެ އެވެ.
އެގޮތުން ސިވިލް ކޯޓުން ބަލަމުންދާ މައްސަލައަކަށް ހާޒިރުވުމަށް މީހަކަށް ޗިޓު ފޮނުވިއިރު އެމީހާއަށް މެޖިސްޓްރޭޓް ކޯޓަކުން ވެސް ޗިޓު ލިބިފައިވެ އެވެ. އެހެންކަމުން އޭނާގެ ފަރާތުން އެދުނީ ސިވިލް ކޯޓުގެ އަޑުއެހުން ފަހުގެ ތާރީހަކަށް ފަސްކޮށްދިނުމަށެވެ. އެކަމަކު އެފަދައިން އެދިފައިވަނިކޮށް ސިވިލް ކޯޓުގެ ގަޒިއްޔާ ގާޒީ އަބްދުﷲ ބާތިލުކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އޭނާގެ މި އަމަލަކީ އިންސާފު ގާއިމުކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ކަމެއް ކަމަށާއި، އަދި ގާޒީގެ ވާޖިބު އަދާކުރުމުގައި ތައައްސުބެއް އޮތްކަން ފެންނާން އޮތް އަދި ގާޒީގެ އަދުލުވެރި ކަމާމެދު ސުވާލު އުފެދިދާ ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެހެންކަމުން ޖޭއެސްސީ އިން ވަނީ ގާޒީ އަބްދުﷲ އަށް ނަސޭހަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ނިންމައިފަ އެވެ.