ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދަށު ކޯޓުން އައްޔަންކުރަންޖެހޭ ފަނޑިޔާރުކަމަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު އިންތިހާބުކޮށްފި އެވެ.
ޖޭއެސްސީއަށް ދަށު ކޯޓުން އައްޔަންކުރަންޖެހޭ ފަނޑިޔާރުކަމަށް ގާޒީ އަކު އިންތިހާބުކޮށްފައި މިވަނީ އެ މަގާމުގައި ހުންނެވި ލ. ފޮނަދޫ މެޖިސްޓްރޭޓް އަލްއުސްތާޒު އަލީ ޝަރީފްގެ ދައުރު ކުރިއަށް އޮތް ސެޕްޓެމްބަރު މަހަށް ހަމަވާތީ އޭނާގެ ބަދަލުގައެވެ.
ދަށު ކޯޓުން ފަނޑިޔާރަކު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ޖުމްލަ ފަސް ފަނޑިޔާރަކު ވާދަކުރެއްވި އެވެ. އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބު ކާމިޔާބު ކުރެއްވީ ގާޒީ ފަރުހާދު އެވެ.
އިންތިހާބުގައި ވާދަކުރެއްވި ދަށު ކޯޓުގެ ފަނޑިޔާރުންނާއި ލިބުނު ވޯޓު
- ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު (91 ވޯޓު)
- ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާން (71 ވޯޓު)
- ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) 1 ވޯޓު
- ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒުފާ އަބްދުލްޣަފޫރު (0 ވޯޓު)
- އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް، ރަފީއުއްދީން އަހުމަދު (0 ވޯޓު)
މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 166 ފަނޑިޔާރުންނަށް ލިބިފައިވީ ނަމަވެސް ވޯޓު ދެއްވީ 163 ފަނޑިޔާރުންނެވެ.
އިންތިހާބު ކުރިއަށް ގެންދިޔައީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން -- ފަހިވޯޓް މެދުވެރިކޮށް ކަމަށެވެ. މިއީ މިފަދަ އިންތިހާބެއް ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރީމް ކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރު ފިޔަވައި އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ބޭފުޅަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކާއި، ބަންޑާރަނައިބުގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އެ ބޭފުޅުން އިންތިހާބުކުރާ ވަކީލެކެވެ.