ރަޝިއާއިން ޕޮލޭންޑަށާއި ބަލްގޭރިއާއަށް ގޭސް ސަޕްލައިކުރުން ހުއްޓާލަނީ އެވެ. ރަޝިއާގެ މައި ގޭސް ކުންފުނި، ގޭޒްޕްރޮމްއިން ވަނީ އެ ދެ ގައުމަށް ނޯޓިސް ފޮނުވައި ގޭސް ހުއްޓާލާނެކަން އަންގާފަ އެވެ.
ރަޝިއާއަށް ދަތިކުރަން ފިޔަވަޅު އަޅައިގެން ތިބި ގައުމުތަކަށް ގޭސް ވިއްކުމުގައި ޑޮލަރާއި ޔޫރޯއިން އަގު ނުދެއްކޭނެ ކަމަށް ރަޝިއާއިން ވަނީ އެ ގައުމުތަކަށް އަންގާފަ އެވެ. އެހެންނަމަވެސް ޕޮލޭންޑާއި ބަލްގޭރިއާއިން ރަޝިއާގެ ނިންމުމަށް ބޯލަނބަން ވަނީ އިންކާރުކޮށްފަ އެވެ.
ރަޝިއާގެ ހަކަތައަށް ބޭނުން ޖެހިފައި ތިބި ގައުމުތަކަށް ތެލާއި ގުދުރަތީ ގޭސް އަދި ބޯޓުދެލި ވިއްކުމުގައި ރަޝިއާގެ ފައިސާ، ރޫބަލްއިން އަގުމަގު ކުރަން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ އަމުރު ކުރައްވާފަ އެވެ.
ރަޝިއާ ސަރުކާރުން ބުނެފައި އޮތް ގޮތުގައި ރަޝިއާގެ ހަކަތަ ގަންނަން އެދޭ ކޮންމެ ބަޔަކާއެކު ވިޔަފާރި ކުރާނެ އެވެ. އެކަމަކު ރަޝިއާއަށް ދަތިކުރަން އެއްބާރުލައިގެން ތިބި ގައުމުތަކުން ރަޝިއާ ބޭންކްތަކުގައި ރޫބަލް އެކައުންޓް ހުޅުވައި ގޭސް ކުންފުންޏާ މުއާމަލާތް ކުރަން ޖެހޭނީ ރޫބަލް އިންނެވެ.
ރަޝިއާއިން ހަކަތަ ހުއްޓާލުމާ ގުޅޭ ގޮތުން ޕޮލޭންޑުން ބުނީ ޝިޕްމަންޓަށް ވުރެ ކުރިން ރަޝިއާއަށް ފައިސާ ދައްކާ ކަމަށާއި ޕޮލޭންޑުން ރަޝިއާއަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް މިހާރު ނުހުންނާނެ ކަމަށެވެ.
ޕޮލޭންޑުން އަދި ބުނީ ރަޝިއާއިން ގޭސް ސަޕްލައި ނުކުރުމަކުން ޕޮލޭންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި ރިޒާވްތަކުގެ 76 ޕަސެންޓް ހުރީ ފުރިފައި ކަމަށެވެ.
ރަޝިއާއިން ގޭސް ގަތުން ދޫކޮށްލައި އެހެން ގައުމުތަކަށް މިސްރާބު ޖަހާފައިވާ ކަމަށް ވެސް ޕޮލޭންޑުން ބުނެ އެވެ. އަދި ބުނީ ޕޮލޭންޑަށް ބޭނުންވާ ގޭސް އަޒަރުބައިޖާނުން ވެސް ގަންނަން ލިބޭ ކަމަށެވެ.
ރަޝިއާއިން ކަނޑައަޅާފައި އޮތް ގޮތަށް ތުރުކީ، އަރުމޭނިއާ، ހަންގޭރީ، ސްލޮވޭކިއާ އަދި ނައިޖީރިއާއިން ވެސް ވަނީ ރޫބަލް އިން ފައިސާ ދައްކަން އެއްބަސްވެފަ އެވެ.
އެކަމަކު ތުރުކީއަށް ރަޝިއާއިން ހާއްސަ އިނާޔަތްތަކެއް އޮވެ އެވެ. ތުރުކީ އަކީ ރަޝިއާއަށް ދަތިކުރަން ސަޕޯޓްކުރާ ގައުމެއް ނޫނެވެ.