ރަޝިޔާ

"ކްރައިމިއާ އަކީ މާކުރިއްސުރެ ރަޝިއާގެ ބިމެއް"

ރަޝިއާގެ މުށުގައި މިހާރު އޮތް ކްރައިމިއާ އަކީ މާޗް 2014އާ ހަމައަށް ޔުކްރޭންގެ ސަރަހައްދެކެވެ. އޭގެ ކުރިން އެއީ ސޯވިއެޓް ޔޫނިއަނަށް ނިސްބަތްކުރި ބިމެކެވެ.

ޔުކްރޭންއާއި ރަޝިއާއާ ދެމެދު 2014 ގައި އުފެދުނު ހިލާފުތަކަކާ ގުޅިގެން -- ކްރައިމިއާގައި ނެގި އާންމު ވޯޓަކުން ރަޝިއާގެ ވެރިކަމުގެ ދަށަށް ދިއުމަށް 90 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓު ދިނެވެ.

އެ ވޯޓަށްފަހު މިއަދާ ހަމައަށް ކްރައިމިއާ އޮންނަނީ ރަޝިއާގެ ބާރުގެ ދަށުގަ އެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް ކްރައިމިއާ ދޫކޮށްލާނެ ގޮތެއް އެއީ ނެތް ގޮތެވެ.

ޗެނަލް ޒިރޯ ޕްރޮގްރާމަށް ދެއްވި އިޓަވިއުއެއްގައި ޕޮލެންޑްގެ ރައީސް އަންދުޒެޔާ ދޫދާވެސް ވަނީ ކްރައިމިއާ އަކީ ރަޝިއާގެ ސަރަހައްދެއް ގޮތުގައި އޮތުމަށް ތާއީދުކުރައްވާފަ އެވެ.

ދޫދާ ވިދާޅުވީ ރަޝިއާގެ ހިންގުމުގެ ދަށުގައި ކްރައިމިއާ އޮންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި ޔުކްރޭނަށް އެ ސަރަހައްދު ދެން ލިބިދާނެ ކަމާ މެދު ޝައްކު ކަމަށެވެ. އަދި ޔުކްރޭނަށް ކްރައިމިއާ މުހިއްމުވާ ވަރަށް ވުރެ ބޮޑަށް ރަޝިއާއަށް މުހިންމު ވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކްރައިމިއާގެ އިތުރުން ޔުކްރޭން ހަނގުރާމައިގައި ރަޝިއާއިން ހިފާފައި ހުރި އެހެން ސަރަހައްދުތައް -- ދޮންބާސް، ޒެޕޮރޮއްޒިއާ އަދި ޚާސަން ފަދަ އެއްވެސް ސަރަހައްދެއް ދެން ޔުކްރޭނަށް ލިބުމަކީ ނާދިރު ކަމެއް ކަމަށް އެމެރިކާގެ ޑިޕްލޮމެޓުން ވެސް ވިދާޅުވެ އެވެ.

ބައެއް ޑިޕްލޮމެޓުންގެ ނަޒަރުގައި ރަޝިއާގެ މުށުތެރޭގައި މިހާރު އޮތް އެއްވެސް ސަރަހައްދެއް ޔުކްރޭނަށް އަނބުރާ ނުލިބޭނެ އެވެ. އޭގެބަދަލުގައި އިތުރު ސަރަހައްދުތައް ޔުކްރޭން އަތުން އަދިވެސް ދޫވެގެން ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.

ކްރައިމިއާ މިހާރު ހިންގަނީ ދުނިޔެ ބަލައިގަންނަ ޑިމޮކްރަސީއަކުން ކަމަށް ރަޝިއާ ބުނެ އެވެ. ކްރައިމިއާ އަކީ ރަޝިއާގެ ބައެއްގެ ގޮތުގައި ހެދުމަށް އދ ވެސް އިންކާރު ނުކުރާ ކަމަށް ރަޝިއާ ބުނެ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދިން ހަމަލާތަކުގައި ޔުކްރޭންގެ އުމްރާނީ ތަރައްގީ ވަނީ ވަރަށް ބޮޑަށް ސުންނާފަތިކޮށްފަ އެވެ. ޔުކްރޭނަށް މިހާރު ލިބިފައި ހުރި ގެއްލުންތައް އާބާދުކުރަން އެތައް ޒަމާނެއް ނަގާނެ ކަމަށް ބެލެވެ އެވެ.

ޔުކްރޭންގެ ވިސްނުމަކީ ހަނގުރާމަކޮށް ރަޝިއާ ބަލިކުރުމެވެ. އަދި ރަޝިއާ އިން ހިފާފައި ހުރި ހުރިހާ ސަރަހައްދެއް މިނިވަންކުރުމެވެ.

އެމެރިކާއާއި ބައިވެރިންގެ އެހީތެރިކަމާ އެކު ޔުކްރޭން ކުރަމުން ގެންދާ ހަނގުރާމައިގައި، ޔުކްރޭނަށް އެއްވެސް މޮޅެއް ވާތީއެއް ނުފެނެވެ. އޭގެ ބަދަލުގައި މުޅިންހެން ފެންނަނީ ޔުކްރޭން ބަލިވާ ތަނެވެ.