ހުޅަނގުން ހަތިޔާރާއި ވަޒަން ބަރާކޮށްގެން ޕޮލޭންޑް ހުރަސްކޮށް ޔުކްރޭނަށް ދަތުރުކުރި ރޭލެއް ފޭރިގެންފި އެވެ.
ރޭލު ފޭރިގަތް ހުރިހާ މީހުން މިހާރު ތިބީ ހައްޔަރުގަ އެވެ.
ސެކިއުރިޓީ އޮފިޝަލުން ބުނާ ގޮތުން ރޭލު ފޭރުނު މީހުންގެ އަމާޒަކީ ހަތިޔާރެއް ނޫނެވެ. އެ ބައިގަނޑަކީ ކަނޑު ފޭރުމާއި މަގުފޭރުން އަދި ޖެހުނުހާ އެއްޗެއް ނޮޅާލައިގެން ނަމަވެސް ވަގަށް ނެގުމެވެ.
ރޭލު ސްޓޭޝަންތަކުގައި ފޭރެން އުޅެނިކޮށް -- ހަތިޔާރު އުފުލާ ރޭލެއްކަން ނޭނގި އެ މީހުންނަށް އެ ރޭލަށް އެރުނީ ކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ރޭލު ދަތުރުކުރީ އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުންނެވެ. ރޭލު ދަތުރުކޮށްފައި ދަނިކޮށް ފޭރޭ މީހުން ރޭގަނޑު ދަންވަރު ރޭލަށް އަރައި ބައެއް ތަކެތެި ވަގަށް ނެގީ އެވެ.
އެހެން ނަމަވެސް، ވަގަށް ނެގުނީ ކޮން އެއްޗެއްކަން އެ މީހުންނަށް އެނގި -- އެކަމުގެ ސަބަބުން އެ މީހުންނަށް އަންނާނެ ހުކުމަކަށް ބިރުން ފުލުހުންނަށް ގުޅައި އަމާންދީ އަދި ފަހުން ވަގަށް ނެގި ހުރިހާ އެއްޗެއް ހަވާލުކުރީ އެވެ.
ޚަބަރުތައް ބުނާ ގޮތުން ބޮޑެތި ފޮށިގަނޑު ތަކަކަށް އަޅާފައި ހުރި ވަޒަންތައް -- ފޮށިތަކާ އެކު ވަގަށް ނަގައި އެ މީހުން ވަނީ އެކި ދިމަދިމާއަށް އުކާފަ އެވެ.
ޕޮލޭންޑްގެ ފުލުހުން ބުނި ގޮތުން ވަޒަން ފޮށިގަނޑުތަކުގެ ތެރެއިން ވަގުން ހުޅުވާފައި ހުރީ އެއްމެ ފޮއްޓެކެވެ. އެހެން ނަމަވެސް، އެންމެ ވަޒަނެއް ވެސް ގެއްލިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުން ރޭލު ލޫޓުވުމުގައި އުޅުނީ ކުށުގެ ރެކޯޑް އޮންނަ ބައެކެވެ. އޭގެ ތެރެއިން ތިން މީހަކު ހައްޔަރުކުރެވިފައި ވާއިރު ހަތަރުވަނަ މީހާ ސަހަރު ދޫކޮށް ބިރުން ފިލާފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.
ޕޮލޭންޑްގައި ރޭލު ފޭރުމަކީ ވަރަށް އާދައިގެ -- ކޮންމެ ދުވަހަކުހެން ހިނގާ ކަމެއް ކަމަށް ޚަބަރުތައް ބުނެ އެވެ.
ހިންދީ ފިލްމުތަކުން ފެންނަ ގޮތުން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ގައްބަރު ސިންގު ހެދިގެން ރޭލު ފޭރުމަކީ ހަމައެކަނި އިންޑިއާގައި ހިނގާ ނޭއްގާނީ އަމަލެއް ކަމަށެވެ.
އެހެން ނަމަވެސް، ޚަބަރުތައް ކިޔާލުމުން މި އެނގެނީ ނުބައި ނުލަފާ ހުރިހާ ކަމެއްހެން މުގޫލާފައި އޮންނަނީ ޔޫރަޕަށް ކަމެވެ. ތަހުޒީބީ ހެދުމުގައި ތިބެ ނާތަހުޒީބީ ހުރިހާ ކަމެއް އުފައްދަނީ ހުޅަނގުން ކަމެވެ.