ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ޔުކްރޭނާއެކު ތިއްބެވިކަން ދުނިޔެއަށް ދެއްކެވުމަށް ތިން ގައުމެއްގެ ބޮޑުވަޒީރުން ޔުކްރޭނަށް ވަޑައިގެން ވެރިރަށް ކިއެވްގައި ރައީސް، ވޮލޮދިމިރު ޒެލެންސްކީއާ ބައްދަލު ކުރައްވައިފި އެވެ.
ޒެލެންސްކީއާ ބައްދަލު ކުރެއްވީ ޕޮލޭންޑްގެ ބޮޑުވަޒީރު މަތައުސް މޮރޮވިއެޝްކީ އާއި ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރު ޕެތަރު ވިއާވާ އަދި ސޮލޮވީނިއާގެ ބޮޑުވަޒީރު ޔާނެޒް ޔާންޝާ އެވެ.
ޔޫރަޕް ތިން ގައުމެއްގެ ވެރިން ޒެލެންސްކީއާ ބައްދަލު ކުރެއްވި ބޭނުމެއް ކަމަށް އެބޭފުޅުން ވިދާޅުވީ މުޅި ޔޫރަޕް ޔުކްރޭނާއެކު އޮތްކަން ހާމަކުރެއްވުމެވެ. ޔުކްރޭނަށް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ދިނުމާއި ޔުކްރޭންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވެސް އޮތް އެދުމެއް ކަމަށް ވިދާޅުވި އެވެ.
ޔުކްރޭނަށް އަރައިގަނެ ރަޝިއާގެ އަސްކަރިއްޔާއިން ގެންދަނީ މުޅި ގައުމު ސުންނާފަތި ކުރަމުންނެވެ. އެހެން ނަމަވެސް، އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން އަދި ވެސް ދެކެނީ މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ވުރެ ކާމިޔާބު ގޮތަކީ ޔުކްރޭނަށް ހަތިޔާރު ފޮނުވައިގެން ރަޝިއާއާ ގަދަބެލުން ކަމަށެވެ.
ޒެލެންސްކީ ބައްދަލުވުމަށް ވަޑައިގެން ޕޮލޭންޑަށާއި ޗެކް ރިޕަބްލިކް އަދި ސޮލޮވީނިއާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔުކްރޭނަށް ހަމަލާދޭން ފެށުމާއެކު ކިއެވް ދޫކޮށް އެހެން ގައުމުތަކުގެ ސަފީރު ވަނީ އަމިއްލަ ގައުމަށް ވަޑައިގެންފަ އެވެ.
އެހެން ނަމަވެސް. ޔޫރަޕުން ޔުކްރޭނަށް އަޅާލާ މިންވަރު މިހާރު ދުނިޔެއަށް ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫރަޕްގެ އެކުވެރިން ޔުކްރޭނަށް ވަޑައިގަތީ ޖާނަށް ގެއްލުމެއް ލިބިވަޑައިގެންފާނެ ކަމަށް ބެއްލެވުމެއް ނެތި ކަމަށް ވެސް ޒެލަންސްކީ ވިދާޅުވި އެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުން މުޅި ޔޫރަޕިއަން ޔޫނިއަނުން ޔުކްރޭނަށް އެފަދައިން އެއްބާލުން ދީފި ނަމަ ޔުކްރޭނަށް ހަނގުރާމަ ކާމިޔާބު ކުރެވޭނެ އެވެ.