އެމެރިކާއިން ދެ ބިލިއަން ޑޮލަރުގެ އަސްކަރީ ލޯނެއް ޕޮލެންޑަށް ދޫކުރަން ޖޯ ބައިޑަންގެ ސަރުކާރުން ނިންމައިފި އެވެ.
މިއީ ޕޮލެންޑްގެ އަސްކަރިއްޔާއަށް އަޕާޗޭ މަރުކާގެ 96 ހެލިކޮޕްޓަރު ވިއްކުމަށް ހުއްދަދިން ލޯނެކެވެ.
ފޮރިން މިލިޓަރީ ފައިނޭސިންގެ ދަށުން އެމެރިކާއިން ފައިސާގެ ބަދަލުގައި، އެ އަދަދުގެ އަގުހަމަކޮށް ޕޮލެންޑަށް -- އެމެރިކާގެ ބޮއިން ކުންފުނިން އުފައްދާ އަޕާޗޭ މަރުކާގެ 96 ހެލިކޮޕްޓަރު ސަޕްލައިކުރާނެ އެވެ. އަދި އެއާ ގުޅުންހުރި އަމަލީ ތަމްރީންތައް ހަމަޖައްސާނެ ކަމަށް ވައިޓް ހައުސްގެ ގައުމީ ދިފާއީ މުޝީރު ޖޭކް ސުލިވާން ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕޮލެންޑްގެ އަސްކަރިއްޔާއަށް ޒަމާނީ ހަތިޔާރާއި އާލާތްތައް ވަނީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. އެ ގައުމުގައި ކުރިން ހުރި ސޯވިއެޓް ޒަމާނުގެ ގިނަ ހަތިޔާރުތައް ވަނީ ޔުކްރޭނަށް ފޮނުވާފަ އެވެ.
ޕޮލެންޑުން ޔުކްރޭނަށް ތިން ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ފޮނުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެތެރޭގައި 14 ފައިޓަރު ޖެޓާއި، ހެލިކޮޕްޓަރާއި، ޓޭންކަރު އަދި ރޮކެޓް ލޯންޗަރު ހިމެނެ އެވެ.
އަސްކަރީ ގުދަންތައް ޒަމާނީ ހަތިޔާރުން ފުރާލުމަށް ޕޮލެންޑުން މިހާރު އެހީތެރިކަން ހޯދަނީ އެމެރިކާ އާއި އެމެރިކާއަށް ތާއީދު އޮންނަ ގައުމުތަކުންނެވެ. މީގެތެރޭގައި ދެކުނު ކޮރެއާ ވެސް ހިމެނެ އެވެ.
ޔޫރަޕިއަން ޔޫނިއަންގައި އެހެން ހުރިހާ ގައުމަކަށް ވުރެ ވަރުގަދަ އަސްކަރިއްޔާއެއް އުފެއްދުމަށް ޕޮލެންޑުން ވަނީ އަމާޒު ހިފާފަ އެވެ.
ޕޮލެންޑުގެ ޚާރިޖީ ވަޒީރު ރެޑޮސްލޯ ސިކޯސްކީ އެކި ބައްދަލުވުންތަކުގައި މި އަމާޒަށް ދިއުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާ ބެހޭ ގޮތުން ވަނީ ވާހަކަދައްކަވާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދެކުނު ކޮރެއާގައި އުފައްދާ ކޭޓޫ މަރުކާގެ ޓޭންކްތައް ވަރަށް ގިނަ އަދަދަކަށް ޕޮލެންޑުން ވަނީ ގަނެފަ އެވެ. އަދި އެމެރިކާއިން އަބްރަހަމް މަރުކާގެ 366 ޓޭންކާއި، އެފް35އޭ މަރުކާގެ 32 ފައިޓަރު ޖެޓު ވެސް ވަނީ ހޯދާފަ އެވެ.
ވޯލް ސްޓްރީޓް ޖާނަލުން ބުނާ ގޮތުން ޕޮލެންޑްގެ ރޭވުންތައް ކާމިޔާބުވެއްޖެނަމަ 2030 ލައިގަންނައިރު -- އިނގިރޭސިވިލާތާއި، ޖަރުމަން، ފަރަންސޭސިވިލާތް، އިޓަލީ، ނެދަލަންޑްސް އަދި ބެލްޖިއަމްގައި ހިމެނޭ ޖުމުލަ އަދަދަށް ވުރެ ގިނަ ޓޭންކަރު ޕޮލެންޑްގައި ހުންނާނެ އެވެ.
މި އަމާޒަށް ވާސިލުވުމަށް 2023 ގައި ޕޮލެންޑުން 23 ބިލިއަން ޑޮލަރުގެ އަސްކަރީ އާލާތްތައް ގަނެ ވަނީ ގުދަންކޮށްފަ އެވެ.
ޕޮލެންޑަކީ ރަޝިއާއަށް ވެސް ނުރައްކާކޮށްފާނެ ގައުމެއް ކަމަށް އަސްކަރީ މާހިރުން ވިދާޅުވެ އެވެ.