ދުނިޔެ

ރަޝިއާއާ ދެކޮޅަށް ހުޅަނގުން އެޅި ފިޔަވަޅުތައް މަސައްކަތެއް ނުކުރޭ: ޕޮލޭންޑް

ޔޫރަޕިއަން ޔޫނިއަނުން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅު ތަކުން ރަޝިއާއަށް މާބޮޑު އަސަރެއް ނުކުރާ ކަމަށް ޕޮލޭންޑްގެ ބޮޑުވަޒީރު މަތައުސް މޮރަވިއެސްކީ ވިދާޅު ވެއްޖެ އެވެ.

ޕޮލޭންޑްގެ އޮފިޝަލުން ބޮޑުވަޒީރާ ހަވާލާ ދެއްވައި ވިދާޅުވި ގޮތުގައި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައި ވަނީ ކުރިއާލައި ވިސްނައިފައެއް ނޫނެވެ. ރަޝިއާއަށް ދަތިކުރަން އަޅަން ޖެހޭނީ ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް އަދި އެކަމަކުން ރަޝިއާއަށް ތަކުލީފަކަށް ވާނެކަން ކަށަވަރު ފިޔަޅުތައް ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ދަތިކުރުން ތަކުން ރަޝިއާއަށް އަސަރު ނުކުރާކަން ސާބިތު ވަނީ ޔޫރަޕް ގައުމުތަކުން ގަންނަ ރަޝިއާގެ ތެލަށް ރަޝިއާގެ ފައިސާއި، ރޫބަލް އިން އަގު ދައްކަން މަޖުބޫރުވެފައި އޮތުމެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔޫރަޕުން ބޭނުން ކުރަން ޖެހޭ ފައިސާ މިހާރު ކޮންޓްރޯލް ކުރަނީ ރަޝިއާ އެވެ. އަދި ރޫބަލް ގަތުން ޔޫރަޕަށް މަޖުބޫރުކޮށް ބޭންކް ރޭޓް ކަނޑައެޅުމުގައި ރަޝިއާ ބޭނުން ގޮތެއް ހެދެން މިހާރު އޮތެވެ.

ރަޝިއާއަށް އަޅާނެ އާ ފިޔަވަޅު ތަކާ މެދު ޔޫރަޕް އިއްތިހާދުވާން ޖެހިފައި އޮތް ކަމަށް ވެސް ޕޮލޭންޑްގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޔޫރަޕުން ރަޝިއާގެ ތެލަށް ބަރޯސާ ކުރަން ޖެހޭހާ ހިނދަކު ދަތިކުރުންތަކުން މާބޮޑު އަސަރެއް ނުކުރާނެ އެވެ. އަދި ދިތު މުއްދަތަކަށް ބަލާއިރު ދަތިތަކުން ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ވެސް ޔޫރަޕަށެވެ.

ޔޫރަޕް ގައުމުތަކަށް ރަޝިއާއިން ތެޔޮ ގަންނަން ލިބޭހާ ހެޔޮ އަގުގައި ދުނިޔޭގެ އެއްވެސަް ގައުމަކުން ލިބޭކަށް ނެތެވެ. އަދި ތެޔޮ ލިބުނު ކަމަށްވި ނަމަވެސް އާންމު ބޭނުންތަކަށް ދޫކުރުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތަކަށް ބޮޑު ޚަރަދެއް ހިނގާނެ އެވެ.

ރަޝިއާއިން މިހާރު ވެސް "ނޯޑް ސްޓްރީމް ވަން" ހޮޅިތަކުންނާއި އަދި އެހެން ވިޔުގަތަކުން ވެސް ޔޫރަޕަށް ތެޔޮ ފޮނުވަ އެވެ.