ނެޓޯ ސިފައިން ޔުކްރޭންގައި އެބަ ތިބި ކަމަށް ޕޮލޭންޑްގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ 10 އަހަރުގެ ކުއްޖަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން 10 އަހަރުގެ މި ކުއްޖާއަކީ ޕޮލޭންޑްގެ ގާނޫނު ހަދާ މަޖިލީސް ކަވަރުކުރުމަށް ރަސްމީ ހުއްދަ އޮތް ކުއްޖެކެވެ.
އެ ކުއްޖާ ކުރި ސުވާލަކީ ނޭޓޯ ސިފައިން ޔުކްރޭނަށް އަރައި ރަޝިއާއަށް ހުރަސް ނާޅަނީ ކީއްވެތޯ އެވެ.
މި ސުވާލުގެ ޖަވާބުގައި ބޮޑުވަޒީރު ވިދާޅުވީ ޔުކްރޭންގައި މިހާރުވެސް ނޭޓޯ ސިފައިން އެބަތިބި ކަމަށެވެ. އެ މީހުންގެ މަސައްކަތަކީ ޔުކްރޭން ސިފައިންނަށް -- ހަނގުރާމަ ކުރަންވީ ގޮތް ބުނެދިނުން ކަމަށްވެސް ވިދާޅުވި އެވެ.
ޑޮނަލްޑް ވިދާޅުވީ ރަޝިއާއާ ސީދާ ކުރިމަތިލުމަށް ނޭޓޯ ސިފައިން ފޮނުވުމަކީ ނޭޓޯގެ ވިސްނުމެއް ނޫން ކަމަށެވެ. އެއްގަމު މަގުން ރަޝިއާއާ ހަނގުރާމަ ކުރަން ޔޫރަޕްގެ އެއްވެސް ގައުމެއް ބޭނުންނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ނޭޓޯގެ އަސްކަރީ ތަޖުރިބާކާރުން ޔުކްރޭންގައި ނެތް ނަމަ ޔުކްރޭން މިހާރު ނޯންނާނެ ކަމަށްވެސް ޓަސްކް ވިދާޅުވި އެވެ. ޔުކްރޭން ހަނގުރާމަ ދެމެހެއްޓިފައި އެ އޮތީ ނޭޓޯގެ އެހީތެރިކަމާ އެކު ކަމަށްވެސް ވިދާޅުވި އެވެ.
ސާރާ މަލޭކާ ކަމަށް ބުނާ މި ކުއްޖާ ދެން ކުރި ސުވާލަކީ ޔޫގޮސްލާވިއާގެ ހަމަނުޖެހުންތައް ހުއްޓުމަކަށް އައީ ކޮން ގޮތަކަށްތޯ އެވެ.
ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވިދާޅުވި ގޮތުގައި ބަލްކަންގައި ހިނގާދިޔަ މައްސަލަތައް އދއަށް ހައްލު ނުކުރެވުމުން ސާބިއާގެ ވެރިރަށް ބެލްގްރޭޑަށް ބޮންއަޅަން ޖެހުނީ ނޭޓޯއަށް ކަމަށެވެ. އަދި ހަނގުރާމަ ހުއްޓުވަން ޖެހުނީ އެއްވިސްނުމެއްގައި ނޭޓޯއިން ކުރި މަސައްކަތުން ކަމަށެވެ.
ޔުކްރޭނަށް ނޭޓޯ ސިފައިން ފޮނުވުމަކީ ވިސްނުމެއް ނޫން ކަމަށް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓާންބާގް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިފައިން ފޮނުވަން ކީޔެވް އިން އެދިފައިވެސް ނުވާ ކަމަށެވެ.
ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް ނޭޓޯ ސިފައިން ފޮނުވައި ރަޝިއާއަށް ހަމަލާދީފިނަމަ އެ ބަޔަކަށް ހަނގުރާމާގައި ބައިވެރިވެވުނީ އެވެ. އަދި އެއީ ކޮންމެ ގައުމަކަށްވީ ނަމަވެސް އެ ގައުމެއްގެ ޝައުގުވެރިކަން ހުރި ތަންތަނަށް ހަމަލާދޭނެ ކަމަށްވެސް ރަޝިއާއިން ވަނީ ބުނެފަ އެވެ.