ރަޝިއާގެ ކުލީ ސިފައިންގެ ޖަމާއަތެއް ކަމަށްވާ ވެގްނާ ގުރޫޕްގެ ސިފައިން ބެލަރޫސްއަށް ދިޔަ ފަހުން ޕޮލޭންޑަށް ހަމަނިދި ލިބޭ ވަރެއް ނުވެ އެވެ.
ވެގްނާ ގުރޫޕުގެ ސިފައިން -- ބެލަރޫސް އާއި ޕޮލޭންޑް ގުޅޭ ބޯޑަރު ހުރަސްކޮށް އެ ގައުމަށް އެތެރެވެދާނެ ކަމަށް މުޅި ސަރަހައްދުގައި ވާސޯއިން ވަނީ ފައުޖުތައް ރުކުރުވާލާފަ އެވެ.
ބެލަރޫސް، ޕޮލޭންޑް ގުޅޭ ބޯޑަރަކީ ހިޖުވެރިންގެ ވެސް މަރުކަޒެކެވެ. ބެލަރޫސްގެ ތެރެއިން ޕޮލޭންޑް ހުރަސްކޮށް ޔޫރަޕްގެ ގައުމުތަކަށް ވަދެގަތުމަށް މަސައްކަތްކުރާ ހިޖުރަވެރިން ކޮންޓްރޯލް ކުރުމުގައި ޕޮލޭންޑަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފަ އެވެ.
ސީރިއާ، އީރާގު އަދި ލީބިއާ ފަދަ މެދުއިރުމަތީގައި ސުލްހަ ގެއްލިފައި އޮތް ގައުމުތަކުން ފިލައިގެން ޔޫރަޕަށް ދަތުރުކުރާ މީހުންނަށް ބެލަރޫސް އިން ހިމާޔަތްދޭ ކަމަށްވެސް ޕޮލޭންޑުން ތުހުމަތުކުރެ އެވެ.
ޕޮލޭންޑުން ގަބޫލުކުރާ ގޮތުގައި ބެލަރޫސްގެ ބޭނުމަކީ ހިޖުރަވެރިންގެ އެތައް ހާސް ބަޔަކު ގައުމުތަކަށް އަރުވައި ޔޫރަޕްގައި ހަމަނުޖެހުން އުފެއްދުމެވެ.
އަނެއްކޮޅުން ބެލަރޫސްގައި މިހާރު ތިބި ވެގްނާ ގުރޫޕްގެ ކުލީ ސިފައިން -- ހިޖުރަވެރިންނާ އެކު ޕޮލޭންޑަށް އެތެރެވުމަކީވެސް އޮތް ވަަރަށް ބޮޑު ބިރެކެވެ.
ޕޮލޭންޑުން މީގެ ކުރިން ވެސް 2،000 ސިފައިން -- ބެލަރޫސް، ޕޮލޭންޑު ގުޅޭ ބޯޑަރަށް ފޮނުވި އެވެ. އަދި އިތުރު 1،000 ސިފައިން ފޮނުވާ ގޮތަށް މިހާރު އޮތީ ހަމަޖައްސާފަ އެވެ.
ޕޮލޭންޑުން ބުނާ ގޮތުން ހިޖުރަވެރިން ކޮންޓްރޯލް ކުރުމުގައި ބެލަރޫސްގެ ބޯޑަރު ގާޑުން އެއްބާރުލުމެއް ނުދެ އެވެ. އެހެންކަމުން ޕޮލޭންޑްގެ ސިފައިންނަށް ވަކިކުރަން ނޭނގޭ ހާލުގައި ވެގްނާ ކުލީ ސިފައިންގެ މެމްބަރަކު ޕޮލޭންޑަށް އެރުމަކީ ވެދާނެ ކަމެކެވެ.
މި ސަރަހައްދުގައި ހަނގުރާމައެއް ހިނގާފާނެ ކަމަށްވެސް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ. މިކަމުގައި ދެން އޮތް ބިރަކީ ޕޮލޭންޑުން ބެލަރޫސްއަށް ހަމަލާދީފިނަމަ ރަޝިއާ އެތަނަށް ވަނުމެވެ.
ރަޝިއާއިން މިހާރު އޮތީ މިފަދަ އިންޒާރަކުން ޕޮލޭންޑަށް ބިރުވެސް ދައްކާފަ އެވެ.