ބޮލީވުޑް

ޝާހިދު ކަޕޫރަށް ފައިސާ ލިބެނީ މީރާ ދިނިއްޔާ!

ޝާހިދު ކަޕޫރު މި ދުވަސްވަރު އުޅެނީ އޭނާގެ އާ ފިލްމު "ޖާޒީ" ޕްރޮމޯޓްކުރުމުގެ މަސައްކަތުގަ އެވެ. މުރުނާލް ޓާކޫރް ބަތަލާގެ ބައި ކުޅޭ މި ފިލްމު މިހާރު ރިލީޒްކޮށްފައިވާއިރު ބޮކްސް އޮފީހުގައި ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބޭ ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ.

ޝާހިދުގެ ފިލްމީ ކެރިއަރަކީ އޭނާގެ ފިލްމުތައް ފަދައިން ގިނަ ގުނަ އަޑިގަނޑުތަކާއި އުސްގަނޑުތަކާ ކުރިމަތިވި ދަތުރެކެވެ. "އިޝްގް ވިޝްގް" އިން 'ޗޮކްލެޓް ބޯއި' އެއްގެ ގޮތުގައި ތައާރަފްވީ ޝާހިދު "ޖަބް ވީ މެޓް" އާއި "ޕަދްމާވަތު" އަދި "ކަބީރް ސިންގް" ފަދަ މޮޅު އަދި ކާމިޔާބު ފިލްމުތައް ކުޅެފައިވެ އެވެ.

ނަމަވެސް ޝާހިދުގެ ވާހަކަ ސޯޝަލް މިޑިއާގައި މިހާރު އެންމެ ގަދައަށް ދެކެވެނީ އޭނާގެ ފަހުގެ އިންޓަވިއު އެއްގައި ދައްކާފައިވާ ވާހަކަ ތަކަކުންނެވެ.

ޝާހިދު ބުނި ގޮތުގައި އޭނާއަށް ލިބޭ ހުރިހާ ފައިސާއެއް މިހާރު ދަނީ ސީދާ އަންހެނުން މީރާ ރާޖްޕޫތުގެ އަތަށެވެ. ޝާހިދު އަށް ފައިސާ ދޭނެތޯ ނޫނީ ނުދޭނެތޯ އާއި ދޭނީ ކިހާވަރެއްކަން ވެސް ނިންމަނީ މީރާ ކަމަށް ޝާހިދު ބުންޏެވެ.

ޝާހިދަށް ލިބޭ ހުރިހާ ފައިސާ ހަރަދުކޮށް ހުސްކޮށްލަނީތޯ ނުވަތަ ކޮންމެވެސް ވަރެއް ފަހަށް ރައްކާ ކުރަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އޭނާ ބުނީ ކައިވެނީގެ ކުރިން ލިބުނު ހުރިހާ ފައިސާއެއް ހަރަދުވެ ހުސްވާ ކަމަށެވެ. ނަމަވެސް މިހާރު އަންހެނުން އެ ފައިސާއިން ބޮޑުބައެއް ރައްކާ ކުރާ ކަމަށެވެ.

"އަހަރެންގެ އާއިލާއެއް އެބައޮތް މިހާރު. ދަރިން އެބަތިބި. އަންބެއް އެބަހުރި. ފައިސާ ހަރަދުކުރަން އަންހެނުންގެ ހުއްދަ ހޯދަން ޖެހޭ މިހާރު. އަދި ފައިސާ ހޭދަކުރުމުގެ ކުރިން ވިސްނަން ވެސް ޖެހޭ،" ޝާހިދު ބުންޏެވެ.

ނަމަވެސް ދޭތެރެއަކުން އެކުވެރިންނާއެކު މަޖާކޮށްލަން ދާ "ބޯއީޒް ޓްރިޕް"ތަކަށް ދާން ފައިސާ ހަރަދުކުރަން އަންހެނުންގެ ހުއްދަ ނުހޯދާ ކަމަށާއި އެއީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ދެކޭ ކަމަށް ޝާހިދު ބުންޏެވެ.

މި އިންޓަވިއުގައި ޝާހިދު ވަނީ އޭނާގެ އަންހެނުންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ޝާހިދު ބުނި ގޮތުގައި މީރާ އަކީ ވަރަށް މީރުކޮށް ކައްކާ މީހެކެވެ. ނަމަވެސް ކައިވެނިކޮށްގެން ހޭދަވީ ހަތް އަހަރު ތެރޭގައި މީރާ ކެއްކި އެއްޗެއް ކާން ލިބުނީ އެންމެ ދެ ފަހަރު ކަމަށް ޝާހިދު ބުންޏެވެ.

ޕްރޮފެޝަނަލް ރޮނގުން ބަލާއިރު ޝާހިދު މިހާރު ކުޅެމުންދަނީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރްގެ "ބްލަޑް ޑެޑީ" ކިޔާ ފިލްމެކެވެ.