ބޮލީވުޑް

ފިލްމު ނުކުޅެނީ ބޮޑު ބައްޔެއް ޖެހިގެން: ޝެހެނާޒް

ޝާހިދު ކަޕޫރާއި އަމްރިތާ ރާއޯ ބޮލީވުޑަށް ތައާރަފްވި "އިޝްގް ވިޝްގް"ގައި ދެވަނަ ބަތަލާގެ ރޯލު އަދާކުރީ ޝެހެނާޒް ޓްރެޝަރީ އެވެ.

ޝެހެނާޒް ވެސް ބޮލީވުޑަށް ނުކުތީ 2003ގައި ރިލީޒްކުރި މި ފިލްމުންނެވެ.. ދުވަސްކޮޅަކު ފިލްމު ކުޅެން އުޅެފައި ޝެހެނާޒް ފަހުން ފެންނަނީ ޓްރެވަލް ޝޯތައް ހުށަހަޅައިދޭ ހޯސްޓެއްގެ ގޮތުގަ އެވެ. އަދި މި ފަހަކުން އޭނާ އެއްގޮތަކަށް ވެސް ސްކްރީނަކުން ނުފެނެ އެވެ.

ދާދިފަހުން ޝެހެނާޒް ޝެއާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ފިލްމީ މަސައްކަތާ ދުރުވާންޖެހުނީ ޕްރޮސޯޕެގްނޯސިއާ ކިޔާ ބައްޔެއް ޖެހިގެން ކަމަށް ބުނެފައި ވެއެވެ.

މި ބަލީގެ ސަބަބުން އޭނާއަށް މީހުން ދެނެގަންނަން އެހާ ފަސޭހަ ނޫން ކަމަށާއި އެއީ ވަރަށް ލަދުގަންނަން ޖެހޭ ފަދަ ކަމެއް ކަމަށް ޝެހެނާޒް ބުނެފައި ވެއެވެ.

"އަހަރެންނަށް ވަނީ ޕްރޮސޯޕެގްނޯސިއާ ކިޔާ ބައްޔެއް ޖެހިފައި. މި ބައްޔަށް ފޭސް ބްލައިންޑްނަސް ވެސް ކިޔާ. މިއީ ސިކުނޑީގެ މައްސަލައެއް. އެކަމާ ހެދި އަހަންނަށް ކުރިން ބައްދަލުވެފައި ހުރި މީހަކު ވެސް އަނެއްކާ ފެނިއްޖިއްޔާ ނޭނގޭ. އެގޮތަށް މީހުން ވަކިނުވުމަކީ އަހަރެން ވަރަށް ލަދުގަންނަ ކަމެއް. އަހަރެން މީހުން ވަކިކުރަން ޖެހެނީ އެމީހުންގެ އަޑުން،" ޝެހެނާޒްގެ ޕޯސްޓްގައި ލިޔެފައިވެ އެވެ.

މި ބަލި ޖެހުމުން އާއިލާގެ މީހުންނާއި ގާތް އެކުވެރިން ވެސް ދެނެގަންނަން އުނދަގޫ ކަމަށާއި ޚާއްސަކޮށް އެމީހަކާ ބައްދަލުވެދާނެ ކަމަށް އުއްމީދު ނުކޮށް ހުއްޓާ ކުއްލިއަކަށް ފެނިއްޖެނަމަ އެ މީހަކު ދެނެގަންނަން ނޭނގޭ ކަމަށް ޝެހެނާޒް ބުންޏެވެ.

"އަހަރެންނަށް އެމީހަކު އެއީ ކާކުކަން ދެނެގަންނަން މިނިޓެއްހާއިރު ބޭނުންވޭ. ވަރަށް ގާތް އެކުވެރިން ވެސް ނުފެންނަތާ ދުވަސްކޮޅެއް ވެފައި ފެނިއްޖިއްޔާ ވަކިކުރާކަށް ނޭނގޭ،" ޝެހެނާޒް ބުންޏެވެ.

ޝެހެނާޒް ބުނެފައިވާ ގޮތުގައި އޭނާ އަށް ޖެހިފައިވާ ބަލީގެ ސަބަބުން ގާތް އަވަށްޓެރިންނާއި އެކުވެރިން އަދި އެކުގައި މަސައްކަތްކުރާ މީހުންނާއި ކްލައިންޓުން، ސްކޫލުގައި އެކުގައި ކިޔެވި ދަރިވަރުންގެ މޫނުތައް ވެސް ދެނެގަންނާކަށް ނޭނގެ އެވެ.

"މިކަމާ ހެދި ބައެއް މީހުންގެ ކުރިމަތިގައި ވަރަށް ލަދުގަންނަން ޖެހޭ. މި ބަލި ޖެހިފައިވާ ބައެއް މީހުން ބުނެފައިވޭ އެމީހުންގެ ގާތް އެކުވެރިން ގެއްލި، އޮފީހުގައި އެކުގައި މަސައްކަތްކުރާ މީހުން ރުޅިގަދަވެ ކަންކަން ވެސް ދިމާވެޔޭ،" ޝެހެނާޒް ބުންޏެވެ.

ޕްރޮސޯޕެގްނޯސިއާ ޖެހިފައިވާ ކަމަށް ހޮލީވުޑް ތަރި ބްރެޑް ޕިޓް ވެސް ދާދިފަހުން ބުނެފައިވެ އެވެ.

ޕިޓް ބުނި ގޮތުގައި އޭނާ އަށް ވެސް މީހުންގެ މޫނު ބަލާފައި އެއީ ކާކުކަން ދެނެގަންނަން މިހާރު ވަރަށް އުނދަގުލެވެ. އެހެންވެ ބައެއް މީހުން އޭނާއާ ދޭތެރޭ ވަރަށް ނެގެޓިވްކޮށް ދެކޭ ކަމަށް ބްރެޑް ޕިޓް ބުނެފައި ވެއެވެ.