ބޮލީވުޑް

އަމްރިތާ އާއެކު "ވިވާ" ކުޅެން ޝާހިދަށް ވަރަށް އުނދަގޫވި

ޝާހިދު ކަޕޫރާއި އަމްރިތާ ރާއޯގެ "ވިވާ" އަކީ ލޯބީގެ ފިލްމުތައް ބަލަން ޝައުގުވެރިވާ މީހުންގެ މެދުގައި ވަރަށް މަގްބޫލު ފިލްމެކެވެ. ސޫރަޖް ބަރްޖަތިޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަލަށް ކައިވެނިކުރަން ތައްޔާރުވަމުންދިޔަ ޒުވާން ދެ ލޯބިވެރިޔަކަށް ކުރިމަތިވީ ހިތްދަތި ތަޖުރިބާއެއްގެ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ.

ޑައިރެކްޓަރު ސޫރަޖްގެ ފިލްމުތަކަކީ އާއިލީ ގުޅުން ވަރަށް ފުރިހަމައަށް ދައްކުވައިދޭ އެ ފިލްމެއް ބަލައިލުމުން ހިތްހަމަޖެހުން ގެނެސްދޭ ފިލްމު ތަކެކެވެ. "މައިނޭ ޕިޔާރް ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ ފިލްމުތަކަކީ ސޫރަޖްގެ ފިލްމުތަކުގެ ރީތިކަމުގެ ރަނގަޅު މިސާލު ތަކެކެވެ.

ނަމަވެސް "ވިވާ" ކުޅުނު ދުވަސްވަރު ޝާހިދު އަކަށް އެހާ ބޮޑަކަށް ސޫރަޖް ކުރާ ކަންތައްތައް ފަހުމެއް ނުވި ކަމަށް އޭނާ ބުންޏެވެ. އެހެންވެ އަމްރިތާ އާއެކު އެ ފިލްމު ކުޅެން ޝާހިދު އަށް އިންތިހާއަށް އުނދަގޫވި ކަމަށް ވެސް އޭނާ އެއްބަސްވި އެވެ.

އިންޑިޔާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޝާހިދު ބުނީ ސޫރަޖް ފިލްމު އުފެއްދުމުގައި އެ ގެންގުޅޭ ގޮތްތަކާ މެދު އޭނާގެ ހިތުގައި ގިނަ ސުވާލުތަކެއް އުފެދި ވާނުވާ ނޭނގިފައި ހުންނަން ޖެހުނު ކަމަށެވެ. އަދި ފިލްމުގައި އެކްޓް ކުރިއިރުވެސް އޭނާއަށް މި ކުރެވެނީ ކީއްކަން ވެސް ނޭނގޭ ކަމަށް ޝާހިދު ބުންޏެވެ.

"އަހަރެން ވަރަށް ގަދަރާއި އިހްތިރާމްކުރާ ޑައިރެކްޓަރެއް ސޫރަޖް އަކީ. އެހެންވެ މި ކުރެވެނީ ކީއްކަމެއް ނުވިސްނޭ ހާލުގައި ވެސް އަހަރެން ސޫރަޖް ބުނި ގޮތްގޮތަށް އެކްޓްކުރީ،" ޝާހިދު ބުންޏެވެ.

"ވިވާ" ރިލީޒްކޮށްފައިވަނީ 2006 ގައެވެ. މި ފިލްމުގައި ޝާހިދު އާއި އަމްރިތާގެ އިތުރުން ސަމީރު ސޯނީ، އަނޫޕަމް ކޭރް އަދި އަލޯކްނާތު ފަދަ ތަރިން މުހިއްމު ރޯލުތައް ކުޅެފައިވެ އެވެ.