ބޮލީވުޑް

"އިޝްގް ވިޝްގް"ގެ ސީކުއަލްގައި ދެކެފަރިތަ މޫނުތަކެއް

ޝާހިދު ކަޕޫރު ބޮލީވުޑަށް ތައާރަފްވި އޭނާ ސުޕަސްޓާރަކަށް ވުމުގައި އެންމެ އިސް ރޯލެއް ކުޅުނު "އިޝްގް ވިޝްގް" ގެ ސީކުއަލް އެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ. އަމްރިތާ ރާއޯ އާއެކު ޝާހިދު ކުޅުނު ޓީން - ރޮމޭންސް އަކީ ވަރަށް ކާމިޔާބު އަދި ޒުވާން ކުދިންގެ މެދުގައި ވަރަށް މަގްބޫލުވި ފިލްމެކެވެ.

"އިޝްގް ވިޝްގް ރިބައުންޑް"ގެ ނަން ދީފައިވާ މި ފިލްމުގެ ބަތަލަކީ އާލިއާ ބަޓް އާއި ޝާހްރުކް ޚާންގެ "ޑިއާ ޒިންދަގީ" ގައި މުހިއްމު ރޯލެއް އަދާކުރި ރޯހިތު ސަރަފް އެވެ. ރޯހިތުގެ ލޯބިވެރިޔާގެ ރޯލު ކުޅެނީ ރިތިކް ރޯޝަންގެ ދެބެންގެ ދެދަރި ޕަޝްމީނާ ރޯޝަން އެވެ. ޕަޝްމީނާ އަކީ މިއުޒިކް ޑައިރެކްޓަރު ރާޖޭޝް ރޯޝަންގެ ދަރިފުޅެކެވެ.

މި ފިލްމުގައި އިތުރު ދެ އެކްޓަރެއް ވެސް މުހިއްމު ރޯލެއް ކުޅޭނެ އެވެ. އެގޮތުން ދެވަނަ ލީޑް އެކްޓަރަށް ހަމަޖެހިފައި ވަނީ ޖިބްރާން ޚާން އެވެ. ޖިބްރާން އަކީ "ކަބީ ޚުޝީ ކަބީ ޣަމް" ގައި ކާޖޮލް އާއި ޝާހްރުކްގެ ދަރިފުޅުގެ ރޯލު ކުޅުނު ކުއްޖާ އެވެ. މިއީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ގިނަ ފިލްމުތަކެއް ކުޅުނު ޖިބްރާން ލީޑް އެކްޓަރެއްގެ ގޮތުގައި ތައާރަފްވާ ފިލްމެވެ.

ޖިބްރާންގެ ލޯބިވެރިޔާގެ ރޯލަށް ހޮވާފައިވަނީ ނާއިލާ ގްރެވާލް ކިޔާ އަންހެންކުއްޖެކެވެ.

މި ފިލްމު އިއުލާން ކުރަމުން ޕަޝްމީނާގެ އިންސްޓަގްރާމް އެކައުންޓުން ޝެއާ ކުރި މެސެޖެއްގައި ބުނެފައިވަނީ 2003 ގައި ރިލީޒކުރި "އިޝްގް ވިޝްގް"އަކީ އޭނާ ކުޑައިރު އެންމެ ގިނައިން ބެލި އޭނާއަށް އެންމެ ރީތި ފިލްމު ކަމަށެވެ. އަދި 2023 ގައި "އިޝްގް ވިޝްގް ރިބޫޓް" ރިލީޒްކުރަން މަސައްކަތް ފަށަފައިވާކަމަށް ޕަޝްމީނާގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ މިހާރު ރިލީޒްވާން ތައްޔާރުވަމުންދާ ފިލްމު "ބްރަހްމަޝްތުރާ"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޖިބްރާން ވެސް އިންސްޓަގްރާމްގައި "އިޝްގް ވިޝްގް ރިބޫޓް" ގެ ޕޯސްޓަރެއް ޝެއާކޮށް އޭނާގެ ހިތުގައިވާ ޝުއޫރުތައް ފާޅުކޮށްފައި ވެއެވެ.

"ހުވަފެން ބައެއް ފަހަރު ހަގީގަތަކަށް ވޭ،" އޭނާ ލިޔެފައި ވެއެވެ. ޖިބްރާންގެ ބައްޕަ ފީރޯޒް ޚާން އަކީ ވެސް ބައެއް ފިލްމުތަކުގައި ސައިޑް ރޯލުތައް ކުޅޭ އެކްޓަރެކެވެ.

"އިޝްގް ވިޝްގް" ގޮތަށް މި ފިލްމުގެ ސީކުއަލްގައި ވެސް ދައްކަން ހަމަޖެހިފައިވަނީ ޓީންއޭޖް ލަވް ސްޓޯރީ އެކެވެ. ފިލްމު ޑައިރެކްޓްކުރަނީ ނިޕުން އަވިނާޝް ދަރްމަދިކާރީ އެވެ.