ގއ. ވިލިނގިލި

ވިލިނގިލީގެ މަގު ހެދުން އާރްޑީސީއަށް

Apr 28, 2022

ގއ. ވިލިނގިލީގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދިއުމަށް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީީ ޒީނިޔާ އަހްމަދު ސައީދު އެެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.

މިރަސްމިއްޔާތުގައި ވިލިނގިލި ދާއިރާގެ މަޖިިިލިސް މެންބަރު ސައުދު ހުސައިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ވިލިނގިލީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރާތީ ޝުކުރު އަދާކުރެއްވި އެވެ.

އާރްޑީސީން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަކީ މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ފަސް ކިލޯ މީޓަރުގެ މަގު ތާރު އަޅައިގެން ހެދުމާއި، މަރާމާތުކުރަންޖެހޭ ބައެއް މަގުތައް މަރާމަތު ކުރުމެވެ.

އާރްޑީސީއާ ހަވާލުކުރި މަސައްކަތް 490 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. މަޝްރޫއުގެ އަގަކީ 98.3 މިލިިއަން ރުފިޔާ އެވެ.