ދާދިފަހުން އިންޓަނެޓުގައި ހިއްސާކޮށްފައިވާ ފޮޓޯއަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެ އެވެ. މި ފޮޓޯއަކީ ގިނަ ބަޔަކަށް ވަރަށް އަސަރުކުރި ފޮޓޯއަކަށް ވެސް ވެފައި ވެއެވެ. މި ފޮޓޯގައި ފެންނަނީ ހޮސްޕިޓަލުގެ އެނދެއްގައި އިން މީހަކު ލެޕްޓޮޕުން އޮންލައިންކޮށް ވަޒީފާއެއްގެ އިންޓަވިއު އެއް ދޭތަނެވެ. އެމީހާ ވަޒީފާ އިންޓަވިއު ދެމުން ދިޔައީ ކީމޯތެރަޕީ ސެޝަނެއް ކުރިއަށް ގެންދަމުންނެވެ.
މި މީހާ އަކީ އިންޑިއާގެ ޖަރްކަންޑްގައި ދިރިއުޅޭ އަރްޝް ނަންދަން ޝަރުމާ ކިޔާ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންދާ މީހެކެވެ.
ޚުދް ޕްރަސާދު ޝެއާ ކުރި މި ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެފައިވަނީ ސިއްހީ ހާލަތު ހުރި ގޮތުން ވަޒީފާއެއް ލިބުން އުނދަގޫވެފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ވަޒީފާގެ އިންޓަވިއު ކިތަންމެ ރަނގަޅަކަށް ދިޔަޔަސް އޭނާގެ ސިއްހީ ހާލަތުގެ ވާހަކަ އިވުމާއެކު ވަޒީފާ ދޭން އެއްވެސް މީހަކު އެއްބަސް ނުވާ ކަމަށެވެ.
"އަހަންނަކީ ކެންސަރު ޖެހިފައިވާ ބަލިމީހެއް ކަން އެނގޭ ވަގުތު ވަޒީފާއަށް މީހުން ހޮވަން އިންޓަވިއުކުރާ މީހުންގެ މޫނަށް އެ އަންނަ ބަދަލު އަހަންނަށް ރީތިކޮށް ފެނޭ. އަހަރެން އިންޓަވިއު ދެނީ އެމީހުންގެ ފަރާތުން ހަމްދަރުދީ ހޯދާކަށް ނޫން. އަހަންނަކީ ވެސް ވަޒީފާ އަދާކުރެވިދާނެ ވަރުގެ ކެރޭ ގާބިލް މީހެއްކަން ސާބިތުކޮށްދޭން،" އަރްޝް ލިޔެފައި ވެއެވެ.
އަރްޝްގެ މި ޕޯސްޓަށް އެތައް ހާސް ބަޔަކު ވަނީ ކޮމެންޓުކޮށްފަ އެވެ. އޭގެ ތެރޭގައި މަހަރަޝްތުރާގެ މަޝްހޫރު ޓެކް ކޮމްޕެނީ އެއް ކަމަށްވާ އެޕްލައިޑް ކްލައުޑް ކޮމްޕިއުޓިންގެ ސީއީއޯ ނިލޭޝް ސަޓްޕަތޭ ހިމެނެ އެވެ. އޭނާ ވަނީ ވަގުތުން އަރްޝް އޭނާގެ ކުންފުނިން ވަޒީފާއެއް ހުށަހަޅާފަ އެވެ.
"ތިއީ ވަރުގަދަ ހަނގުރާމަވެރިއެއް. ކީމޯ ސެޝަން ކުރިޔަށްދާ ވަގުތު އިންޓަވިއު ދިނުން ހުއްޓާލާ. އަހަރެމެން ކަލޭގެ ތައުލީމީ ފެންވަރާއި ތަޖުރިބާ ޗެކްކޮށްފިން. ކަލެއަކީ ވަރަށް މޮޅަށް ކިޔަވައިގެން ހުރި ގާބިލްމީހެއް. ކަލޭ ބޭނުން އިރަކުން މި ކުންފުންޏާ ގުޅެވިދާނެ. އިންޓަވިއުއެއް ނޯންނާނެ،" ސަޓުޕަތޭގެ ކޮމެންޓުގައި ވެއެވެ.
އަރްޝްގެ ޕޯސްޓަށް ކޮމެންޓުކުރި މީހުން އޭނާއަށް ވަޒީފާއެއް ލިބުނީތީ އުފާކުރާ ކަމަށާއި އަވަސް ޝިފާ އަކަށް އެދި ހެޔޮ ދުއާ ކުރާ ކަމަށް ބުނެފައި ވެއެވެ.