ދުނިޔެ

ސައޫދީ ވަލީއަހުދު ޕާކިސްތާންގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޕާކިސްތާންގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްއަށް މަރުހަބާ ދަންނަވައިފި އެވެ.

ސައޫދީ ޕްރެސް އޭޖެންސީ ބުނި ގޮތުގައި ދެ ލީޑަރުންގެ ބައްދަލުކުރެއްވުން އޮތީ އައްސަލާމް ގަނޑުވަރުގަ އެވެ.

ޝެހެބާޒް ޝަރީފް ސައޫދީއަށް ވަޑައިގެން އުޅުއްވަނީ ސަލްމާން ރަސްގެފާން ދެއްވި ދައުވަތަކަށް ދެ ގައުމުގެ ގުޅުން ބަދަހިކޮށް ކުރިމަގު އެޖެންޑާ ކުރެއްވުމަށެވެ.

މިއީ ޕާކިސްތާންގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ޝެހެބާޒް ސައޫދީއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އަދި ގައުމުން ބޭރަށް ކުރެއްވި ފުތަމަތަމަ ދަތުރެވެ.

ވަލީއަހުދު މުހައްމަދާ ބައްދަލުކުރައްވައި ބޮޑުވަޒީރުގެ ހައިސިއްޔަތުން ޝެހެބާޒް މަޝްވަރާ ކުރެއްވީ ޕާކިސްތާނަށް ދިމާވެފައި ހުރި ދަތިތަކާ ބެހޭ ގޮތުންނެވެ. އަދި އިމުރާންޚާންގެ ބޮޑުވަޒީރު ކަމުގައި ސައުދީ އާއި ޕާކިސްތާންއާ ދެމެދު ގާއިމުކޮށްފައި ހުރި އެއްބަސްވުންތަކާ ބެހޭ ގޮތުންނެވެ.

ޝެހެބާޒް ސައޫދީއަށް ވަޑައިގެން އުޅުއްވަނީ އިންވެސްޓްމަންޓްތައް ކަށަވަރު ކުރެއްވުމަކަށް ނޫނެވެ. އެއީ މަގާމާ ހަވާލުވެ ވަޑައިގެން ތައާރަފްވެ ވަޑައިގަތުމަށް ކުރެއްވި ދަތުރެއް ނަމަވެސް، ވަލީއަހުދު މުހައްމަދާ އެކު އިގުތިސޯދީ އެޖެންޑާއަށް ވަނީ އަލިއަޅުއްވާ ލައްވާފަ އެވެ.

ދުނިޔޭގައި އަރަބި އިސްލާމީ ގައުމުތަކަށް ދިމާވެފައި ހުރި މައްސަލަތައް، އަފްޣާނިސްތާން މައްސަލަތަކާއި އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަދި ފަލަސްތީން މައްސަލައާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ޔުކްރޭން ހަނގުރާމައިގައި ޕާކިސްތާނާއި ސައޫދީ ދަމަހައްޓަމުން ގެންދާ ވަކިކޮޅަކަށް ނުޖެހޭ ސިޔާސަތުގެ ސަބަބުން ފިއްތުން ކުރިމަތިވާ ކަމަށް ވެސް ދެ ލީޑަރުން ވިދާޅުވި އެވެ. އެހެން ނަމަވެސް، ސައޫދީއަށް އަދި ޕާކިސްތާނަށް ވެސް އޮތް އެންމެ ރައްކާތެރި ގޮތަކީ ވަކިކޮޅެއް ނުނެގުން ކަމަށް ދެ ބޭފުޅުންނަށް އެއްބަސްވެވުނެވެ.

ސައޫދީއާ ބެހޭ ގޮތުން ޝެހެބާޒް ވިދާޅުވީ އެންމެ ބޮޑު އެކުވެރިއަކީ ސައޫދީ ކަމަށާއި ބޮޑުވަޒީރުގެ މަގާމުގައި ހުންނެވިހާ ދުވަހަކު ސައޫދީއާ ވަރަށް ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ.