މޫސުން

އުތުރަށް މޫސުން ގޯސް، 12 އަތޮޅަށް އިންޒާރު

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އިންޒާރު ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ނ އަތޮޅުން ފެށިގެން ތ އަތޮޅު ހިމެނޭހެން 12 އަތޮޅުގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ކަނޑުތައް ގަދަވާނެތީ ދަތުރުކުރުމުގައިވެސް ސަމާލުވާން ވަނީ އެދިފައެވެ.

ހޫނުގަދަ ދުވަސްތަކަކަށް ފަހު މިދިޔަ ހަފްތާއިން ފެށިގެން ރާއްޖޭގެ މޫސުން ވަނީ ގޯސްވެފައެވެ. އީދު ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް ރާއްޖޭގެ މޫސުން އާދައިގެ ގޮތެއްގައި ރަނގަޅެވެ. މާލެ ސަރަހައްދުގެ މޫސުން ރަނގަޅުވުމުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.