ހަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ 15 ދަރަޖަ ފަހަތަށް

May 3, 2022

ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ 15 ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އެކުލަވާލަނީ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކިޔާ އަމިއްލަ ޖަމިއްޔާ އަކުންނެވެ.

މި ލިސްޓްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 72 ވަނައިގަ އެެވެ. ނަމަވެސް މިއަހަރު ރާއްޖެ އޮތީ ލިސްޓްގެ 87 ވަނައިގަ އެވެ.

މިއީ ޖުމްލަ 180 ގައުމު ހިމެނޭ މި ލިސްޓަށް ގައުމުތައް ދަރަޖަ ކުރިއިރު ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ރޭންކިން

  • 2018 ވަނަ އަހަރު - 120 ވަނަ
  • 2019 ވަނަ އަހަރު - 98 ވަނަ
  • 2020 ވަނަ އަހަރު - 79 ވަނަ
  • 2021 ވަނަ އަހަރު - 72 ވަނަ
  • 2022 ވަނަ އަހަރު - 87 ވަނަ

އިންޑެކްސްގައި ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ބުނެފައިވަނީ ރާއްޖޭގެ ގާނޫނު އަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާ ގޮތަށް ހެއްކާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި ބިލް ފަރުމާކޮށްފައިވަނީ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބެލި މައްސަލައެއްގައި މިހާރު ނޫހުގައި ލިޔެފައިވާ ލިޔުމެއްގެ މަސްދަރު ހޯދަން މަސައްކަތް ކުރި ކަންވެސް ފާހަގަކޮށްފައިވެ އެވެ. މިހާރު ނޫހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީގެ ކަންކަމުގައި ހަރަކާތްތެރިވާ ބޭފުޅުންނާ ހަވާލާދީ ވަރަށް ތަފްސީލްކޮށް ކެނެރީގޭގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ލިޔުނެވެ. އެ ލިޔުމުގެ މައްސަލަ 241 ކޮމިޓީން ބެލި އެވެ. ނަމަވެސް ނޫހަށް އެއްވެސް ފިޔަަވަޅެއް ނާޅަ އެވެ.

މީގެއިތުރުން ހަރުކަށި ފިކުރުގެ މީހުންނާއި ގޭންގްތަކުން ނޫސްތަކަށް ބިރު ދެއްކުމާއި، ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި، ސޯޝަލް މީޑިއާ ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ ވެސް ރާއްޖެއާ ގުޅޭ މައްސަލަތަކުގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.