މޯލްޑިވްސް މީޑިއާ ކައުންސިލް

ނޫސްވެރިން ތަމްރީން ކުރުމުގެ ކޯހެއް ފަށަނީ

Aug 14, 2022

ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރިން ކިޔަވައިދޭ ނޫސްވެރިކަމުގެ ކޯހެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދާ "ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް" ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 އިން ކުރިއަށް އޮތް ސެޕްޓެމްބަރު ހަވަނަ ދުވަހުގެ ނިޔަލަށެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއެކު މިދިޔަ އާދިއްތަ ދުވަހު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ޝަހީބު މީޑިއާއިން ހިލޭ ހިންގައިދޭ ކޯހެކެވެ.

ނޫސްވެރިކަމުގެ ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުން:

  • މުހައްމަދު ޝަހީބު، އަދިވެސް އޮންލައިންގެ ސީއީއޯ / އެޑިޓަރު
  • މޫސާ ލަތީފު، ދައުރު އޮންލައިންގެ އެޑިޓަރު
  • އިސްމާއިލް ނަސީރު، މިހާރު އޮންލައިންގެ އެޑިޓަރު
  • ހުސައިން ފިޔާޒު މޫސާ، އަދަދު އޮންލައިންގެ އެޑިޓަރު
  • އާދަމް ހަލީމު، "މި"ގެ ސީއީއޯ / އެޑިޓަރު
  • ސިނާން އަލީ، ވަން އޮންލައިންގެ ސީއީއޯ / އެޑިޓަރު
  • އަހްމަދު ޒާހިރު (ހިރިގާ)، ދައުރު އޮންލައިންގެ މެނޭޖިން އެޑިޓަރު
  • އިމާދު ލަތީފު، ނިއުސް އެނަލިސްޓް
  • މުހައްމަދު އާސިފް، މޮންދުު ޕްރޮޑަކްޝަންސްގެ ސީއީއޯ
  • މުހައްމަދު އާމިރު (ފަރެސް)، ދިވެހި ބަހުގެ ތަޖުރިބާކާރެއް

މިކޯހުގައި ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ، އޮއްޓަރު ހުރި، ފޭރާން ހެޔޮ ޚަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭނެ އެވެ.

މި ކޯހުގައި ފުރުސަތު ދިނުމަށް ނިންމާފައިވަނީ 30 ބައިވެރިންނަށެވެ. މީގެތެރެއިން 20 ޖާގަ ހާއްސަކޮށްފައިވަނީ މީޑިއާތަކަށެވެ. އެ 20 ޖާގައަށް ބައިވެރިން ކަނޑައަޅާނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. އަނެއް 10 ޖާގައަށް ބައިވެރިން ހޮވާނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހު އެވެ.

ކޯހުގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 17 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.