ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން ޖެހޭ މައްދާ ހިމަނައި ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ހެއްކާ ބެހޭ ބިލަށް އާންމުންގެ ހިޔާލު ހޯދަން މިއަދު ހުޅުވާލައިފި އެވެ.
މަޖިލީހުގެ އިދާރާއިން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރަމުންދާ ހެއްކާބެހޭ ބިލަށް ހިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ބިލަށް އެއްވެސް ހިޔާލެއް އޮތް ނަމަ އަންނަ ނޮވެމްބަރު މަހުގެ 30 ގެ ކުރިން ހުށަހެޅުމަ ށެވެ.
މީގެ އިތުރުން މިއަދު ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަށް ހިޔާލު ހުށަހެޅުމަށް ވެސް ހުޅުވާލައިފަ އެވެ. އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 31 އެވެ.
ސަރުކާރުން ސްޕޮންސާ ކޮށްގެން ހުޅަހެޅި ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފި ނަަމަ ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އެ މާއްދާގެ (ހ) ގައި ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތް ކުރުމުގެ ހައްގު ކަށަވަރު ކޮށްދިން ނަމަވެސް އެ މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ދެ ހާލަތެއް ބަޔާން ކޮށްފައިވެ އެވެ.
ބިލު މިހާރު އޮތް ގޮތުން އެ ދެ ހާލަތުގައި ކޯޓަށް ފެނިއްޖެ ނަމަ ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ އެވެ.
މަސްދަރު ހާމަކުރާ މާއްދާ ހިމަނާފައިވާތީ މަޖިލީހުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރި އެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ އެ މާއްދާ އަނބުރާ ގެންދަން ވެސް ގިނަ ބަޔަކު ގޮވާލި އެވެ. އެ ބިލްގެ އިބްތިދާއީ ބަހުސް ނިންމައި މިހާރު ވަނީ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވާފަ އެވެ.