ޖޭއެސްސީ

ގާޒީއާ ބައްދަލެއް ނުކުރޭ، ދޮގު ހަބަރު ފެތުރި މައްސަލަ ބަލަނީ

ކްރިމިނަލް ކޯޓްގައި މިހާރު ކުރިއަށްދާ ކުރީގެ ރަައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބައްލަވާ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ބައްދަލު ކުރެއްވި ކަމަށް ބުނާ ވާހަކަތައް ޖޭއެސްސީ އިން މިރޭ ދޮގުކޮށްފި އެވެ.

އެ ވާހަކަތައް ދޮގުކޮށް ޖޭއެސްސީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިރޭ ވަނީ ދެ ޓްވީޓެއް ކޮށްފައެވެ. އެ ކޮމިޝަނުން ބުނީ ކްރިމިނަލް ކޯޓްގައި މިހާރު ކުރިއަށްދާ ކުރީގެ ރަައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބައްލަވާ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ބައްދަލު ކުރެއްވި ކަމަށް ބުނެ މީޑިއާއަކުން ކޮށްފައިވާ ޓްވީޓް ދޮގުކުރާ ކަމަށެވެ.

އަދި ޖޭއެސްސީގެ އަގު ވައްޓާލަން އިތުބާރު ނުހިފޭ ދޮގު ހަބަރު ފަތުރާ ފެތުރުން ކުށްވެރިކުރާ ކަމަށެވެ. އިތުރަށް ބުނީ އެކަން ބެލުމަށް ކަމާބެހޭ އިދާރާތަކަށް ހުށައަޅާނެ ކަމަށެވެ. އެ ޓްވީޓްގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރަސްމީ ޓްވިޓާ އެކައުންޓާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގް ކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓްގައި މިހާރު ކުރިއަށްދާ ކުރީގެ ރަައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބައްލަވާ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ބައްދަލު ކުރެއްވި ކަމަށް ބުނާ ވާހަކަތައް ފަތުރާފައިވާ އަމިއްލަ ޓީވީ ޗެނަލްއެއް ކަމަށްވާ ސަންގު ޓީވީގެ ރަސްމީ ޓްވިޓާ އެކައުންޓުންނެވެ. އެ ސްޓޭޝަނުން ވަނީ އެ ވާހަކަތައް އޭޖީ ރިފްއަތު އަދި ހިސާން ދޮގު ކުރައްވައިފިނަމަ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ ޖޭއެސްސީއަށް ހާޒިރު ކުރެއްވި ތާރީހާއި ގަޑި އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހާމަ ކުރާނެ ކަމަށް ބުނެފައެވެ.

އެ ފަހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ ޖޭއެސްސީއަށް ހާޒިރުކުރެވީ މެއި މަހުގެ 29 ވަނަ ދުވަހުގެ 12 ޖަހަން ކައިރިވެފައި ވަނިކޮށް ކަމަށެވެ.

ކްރިމިނަލް ކޯޓްގައި މިހާރު ހިނގަމުންދަނީ ވ. އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތެވެ. އެމަނިކުފާނުގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލަތައް ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލެވެ.