އެޓާނީ ޖެނެރަލް

އެމްއެމްސީއާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މި ދައުރަށް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއް މުއައްސަސާއަކަށް ހަދާ ގޮތަށް އާ މީޑިއާ ކޮމިޝަންގެ ބިލް މަޖިލީހަށް ހުށައެޅުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 28 ބިލެއް ހުށައެޅުމަށް ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ވަނީ ބުނެފަ އެވެ. އަދި ހުށައަޅަން ސަރުކާރުން ނިންމާފައިވާ ބިލްތަކުގެ ލިސްޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ފޮނުވާފަ އެވެ. އޭޖީ އޮފީހުން މިރޭ ބުނީ މިއަދު ފެށި މަޖިލީހުގެ ތިންވަނަ ދައުރަށް 28 ބިލެއް ހުށައަޅާނެ ކަމަށެވެ. އޭގެ ތެރޭގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލް" ވެސް ހިމެނެ އެވެ.

އޭޖީން އެކުލަވާލާ އެ ގާނޫނަށް ހިޔާލުތައް ހުށަހެޅުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތިން މެންބަރުންގެ ސަބް ކޮމިޓީއެއް ނަގައި މީޑިއާގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވެ އެވެ. ކޮމިޓީގައި ތިއްބެވީ ކުރީގެ ދެ ނޫސްވެރިން ކަމުގައިވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމްގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.

ނަމަވެސް މިނިވަން މުއައްސަސާތަކާއިބެހޭ ކޮމެޓީން ފުރަަތަމަ ނިންމީ ބްރޯޑްކޮމްއާއި އެމްއެމްސީ އަދި ހައިކޮމް ހިމެނޭހެން އެއް އިދާރާއެއް އުފައްދާށެވެ. އެ ކޮމެޓީން ނިންމި ނިންމުމާއި ގުޅޭ ރިޕޯޓް ވެސް ދާދި ފަހުން އޭޖީއަށް ފޮނުވާފައި ވެއެވެ.