ބޮލީވުޑް

ކަޕިލްގެ ކިބައިން ބަދަލުހިފި ގޮތް ރަންވީރު ކިޔައިދީފި

"ދަ ކަޕިލް ޝަރުމާ ޝޯ"ގެ އެޕިސޯޑެއްގައި ދާދިފަހުން އެކްޓަރު ރަންވީރު ސިންގް ބައިވެރިވެފައި ވެއެވެ. އޭނާގެ އާ ފިލްމު "ޖަޔޭޝްބާއީ ޖޯރްދާރް" ޕްރޮމޯޓް ކުރުމަށެވެ. މި އެޕިސޯޑުގެ އިޝްތިހާރު މިހާރު ވަނީ ދައްކަން ފަށާފަ އެވެ.

ކަޕިލް އަކީ ރަންވީރުގެ އަންހެނުން އަދި ބަތަލާ ދީޕިކާ ޕަދުކޯން ދެކެ މާ ލޯބިވާ މީހެކެވެ. އަދި ދީޕިކާ އަށް ފްލާޓްކުރުމަކީ ކަޕިލް އަބަދުވެސް ކުރާ ކަމެކެވެ. އަދި މި ޝޯގައި އެންމެ ގިނައިން ޖޯކު ޖަހަނީ މި ކަމާ ގުޅުވައިގެންނެވެ.

މި ފަހަރުގެ އެޕިސޯޑުގައި ވެސް ކަޕިލް ވަނީ ދީޕިކާގެ ހާލު އަހުވާލު ރަންވީރުގެ ކައިރިން އޮޅުން ފިލުވަން ސުވާލުކޮށްފަ އެވެ. އަދި މި ސުވާލަށް ރަންވީރު ދިން ޖަވާބުން މި ޝޯގެ ސެޓަށް ހާޒިރުވެ ތިބި އެންމެންގެ ހިނި ފަޅައިގެންނެވެ.

ސޮނީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ޝެއާކޮށްފައިވާ މި ޕްރޮމޯ ވީޑިއޯގައި ކަޕިލް މި ސުވާލުކުރި ތަނާއި ސުވާލަށް ރަންވީރު ޖަވާބުދޭ މަންޒަރުފެނެ އެވެ.

އެންމެ ފުރަތަމަ ކަޕިލް ސުވާލު ކުރުމާއެކު ޝޯގެ ޖަޖް އަރްޗަނާ ޕޫރަން ސިންގް ބުނަނީ އޭނާ ސުވާލުކުރި ގޮތް ނޫން އެހެން ގޮތަށް އެ ސުވާލު ކުރުމަށެވެ. "ފަހަރީގެ ހާލު ކިހިނެއްތޯ؟" މިހެން ސުވާލު ކުރުމަށެވެ.

"ފާއިތުވީ 10 އަހަރުއްސުރެ މީނަ ދީޕޫ ދީޕޫ އޭ ކިޔައިގެން ދީޕިކާގެ ފަހަތުން އަޅުވާލައިގެން އުޅޭތަން މަށަށް ވެސް ފެނޭ. އެހެންވެ ކަޕިލްގެ ކައިވެނީގެ ޕާޓީ އަށް ދައުވަތު ލިބުނީމަ އަހަރެން ބުނިން ދީޕިކާ ކައިރީ ދެ މީހުން އެކުގައޭ ދާނީ،" ކަޕިލް އަށް ލަނޑު ދިން ގޮތް ކިޔައިދެމުން ރަންވީރު ބުނެފައި ވެއެވެ.