ފޮރިން މިނިސްޓްރީ

ވިސާ ނެތި ކަޒަކިސްތާނަށް ދެވޭގޮތް ހަދައިފި

ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް ކަޒަކިސްތާނަށް ދަތުރު ކުރެވޭނެ އެއްބަސްވުމެއްގައި ދެ ގައުމުގެ މެދުގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލެވެ. އަދި ކަޒަކްސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކްސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ނޫރްލާން ޝަލްގަސްބަޔޭވް އެވެ.

މިއަދު ސޮއި ކުރެވުނު "އެގްރިމެންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް" ގެ ދަށުން ދެ ގައުމުގެ ރައްޔިތުން އަނެއް ގައުމަށް ދަތުރު ކުރުމުގައި ވިސާ ނެތި 30 ދުވަހަށް އެތެރެ ވެވޭނެ އެވެ. އަދި ޓްރާންސިޓް ކުރުމުގައިވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ހަލީލް ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކަޒަކިސްތާނުގެ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު ވިސާ ވެއިވާ އެގްރިމެންޓް އާއެކު ދެ ގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކޮށް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށެވެ.

މި ސަރުކާރު އައި ފަހުން ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ރަޝިޔާ އާއި މޮރޮކޯ އަދި ޗައިނާއަށް ވިސާ އާ ނުލައި ދިވެހިންނަށް ދަތުރު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.