މީހުން

ހިލާލް: ބޭރު ދުނިޔޭގައި އެންމެ މަޝްހޫރު ދިވެހި ގިޓަރިސްޓް

"އަޅުގަނޑު ބޭނުންވީ ހަމައެކަނި ގިޓާ ކުޅޭ މީހެއްގެ ގޮތުގައި މޮޅު މީހަކަށް ވާކަށެއް ނޫން. އަހަރެން ބޭނުންވީ މުޅި މި މިއުޒިކް އިންޑަސްޓްރީ މަސައްކަތްކުރާ ގޮތް ދަސްކުރަން. އަދި ވިޔަފާރިއެއްގެ ގޮތުގައި މި އިންޑަސްޓްރީ ހަރަކާތްތެރިވާ ގޮތް ވެސް ބަލަން."

އޭނާ އެކަން ކާމިޔާބުކޮށްފި އެވެ. ކުޑައިރުގެ އެކުވެރިޔާ އަދި ގިޓަރިސްޓް ފުފޫއާ އެކު އޭނާ 2006 ވަނަ އަހަރު އުފެއްދި މެޓަލް ބޭންޑް، ނޮތުނެގަލް އަކީ މިހާރު އިންޓަނޭޝަނަލް ބޭންޑެކެވެ. ބޭރުގެ ގައުމުތަކުގައި މިގޮތަށް ޓުއާކުރާ ދެ ވަނަ އެހެން ދިވެހި ބޭންޑެއް ނެތެވެ.

ނޮތުނެގަލް އަކީ ރާއްޖެ އަށް ވުރެ ބޮޑަށް ބޭރުގެ ގައުމުތަކަށް ނުވަތަ މިއުޒިކްގެ އަސްލު އިންޑަސްޓްރީ އަށް ވިއްކަން އުފައްދާފައިވާ ބޭންޑެކެވެ. މިހުރިހާ ކަމެއްގެ މައި ސިކުނޑި އަކީ މި ބޭންޑްގެ އެއް ފައުންޑާ އަދި ލީޑް ގިޓަރިސްޓް ހިލާލް އާގިލް އެވެ.

ރާއްޖޭގެ އެއް ނަމްބަރު ގިޓަރިސްޓުންގެ ތެރޭގައި އޭނާގެ ނަން ހިމަނަން ބައެއް މީހުން ބޭނުން ނުވިޔަސް ރާއްޖޭގެ މިއުޒީޝަނުންގެ ހުނަރު ބޭރު ދުނިޔެ އަށް ވިއްކުމަށް ހަދާފައިވާ ސަފުގެ އެންމެ ކުރީގައި ހުރީ ޔަގީނަށް ވެސް މި ޒުވާން ގިޓަރިސްޓެވެ.

ތިރީގައި މި އޮތީ ހިލާލްގެ ހާއްސަ އިންޓަވިއުއެއްގެ ހުލާސާ އެކެވެ.

 

"އޭރު އަޅުގަނޑުމެން ދެ މީހުން ހަދާ ގޮތަކީ މާމަ ގެންގުޅުނު ކެސެޓް ރިކޯޑަރެއް ނަގައިގެން ގޮސް މިއުޒިކް ކުޅެފައި އެއިން ރިކޯޑްކުރަނީ. އޭރު ވާނީ ގާތްގަނޑަކަށް 11 ނުވަތަ 12 އަހަރު. އެންމެފަހުން އަޅުގަނޑުމެން ނެރުނު "ޑެކަޑެންސް" އަލްބަމަކީ އޭރު ގެންގުޅުނު ހިޔާލުތަކުގެ މައްޗަށް އުފެއްދި އަލްބަމެއް. ކުޑައިރުގެ ހިޔާލުތަކަކަށް އެ ވަރުގެ އަލްބަމެއް ފަހުން ހެދުނީތީ ހައިރާންވެސްވޭ."

"ޑެކަޑެންސް" އަކީ 2012 ވަނަ އަހަރު ނޮތުނެގަލް އިން ނެރުނު އެމީހުންގެ ފުރަތަމަ، ފުރިހަމަ އަލްބަމެވެ.

"ގިޓާ ކުޅެން ދަސްކުރީ އަޔަން މެއިޑެން އާއި ބްލެކް ސަބަތު އަދި މެޓަލިކާ ފަދަ ބޭންޑްތަކުގެ ލަވަތަކުން. އެއީ އޭރު ވެސް އެންމެ ޝައުގުވެރިވަނީ މެޓަލް މިއުޒިކަށް ކަމަށްވީތީ. އެގޮތަށް އެންމެ އުނދަގުލުން ދަސްކުރި އެއް ލަވައަކަށް ވާނެ އަޔަން މެއިޑެންގެ ފިއާ އޮފް ދަ ޑާކް. އޭގެ ސޯލޯ އާއި ލިކްސް"

"އޭރަކު ބޭނުންހާ ގޮތަކަށް ޔޫޓިއުބަކުން މިހާރު މި ފެންނަ ގޮތަށް ލެސަންތަކެއް ވެސް ނުބެލޭނެ. އެހެންވީމަ އަޅުގަނޑު އޭރު ބެލީ މަޝްހޫރު އެހެން ގިޓަރިސްޓުން އިންސްޓްރަކްޝަނަލް ވީޑިއޯސްތައް."

ނަމަވެސް ހިލާލު ބުނީ އޭނާ އަކީ އެއްވެސް އިރެއްގައި "އެންމެ މޮޅަށް ގިޓާ ކުޅޭ މީހާ އަށް" ވާން ބޭނުންވި މީހެއް ނޫން ކަމަށެވެ.

"އަޅުގަނޑު މަސައްކަތްކުރީ މާނައެއް ދޭހަވާ ކަހަލަ މިއުޒިކް އުފައްދަން. ފުރަތަމަ ދުވަސްކޮޅު ގިނަ ވަގުތު ގިޓާ ކުޅުމުގައި ހޭދަކުރިޔަސް ފަހުން ދަސްކުރީ މިއުޒިކް އިންޑަސްޓްރީ ހިނގާ ގޮތް ބަލައި އަޅުގަނޑުމެންނަށް ހުރި ފުރުސަތުތައް ހޯދުމުގައި."

"އަޅުގަނޑުމެންގެ ފުރަތަމަ އަލްބަމް، ޑެކަޑެންސް އަކީ ރޮބަޓާއި މެޝިންގެ ވާހަކަތައް ކިޔައިދޭ އަލްބަމެއް. އެއީ ކުޑަކުދިންގެ ގޮތުގައި އޭރު އަޅުގަނޑުމެން ބެލި ކާޓޫނުތަކާއި ފިލްމާއި ކުޅުނު ގޭމުތަކުން އެނގުނު އެއްޗެހިތަކުން އިންސްޕަޔާވެގެން އުފެއްދި އަލްބަމެއް. ދެން އަލްބަމެއް އުފެއްދިޔަސް އޭގެ ލަވަތަކާއި ކަވަރުގެ ފޮޓޯ އާއި މިއުޒިކާ އެކު ހުރިހާ އެއްޗެއް އެއް ހަމައެއްގައި ގެންގުޅެވޭތޯ ބަލަން އަބަދުވެސް އަޅުގަނޑުމެން."

"އަޅުގަނޑަކީ ސްކޫލްގައި ކިޔަވަން އުޅުނުއިރު ވެސް މާ ބޮޑަށް ސްކޫލްގެ މިއުޒިކްގެ ތެރޭގައި އުޅުނު މީހެއް ނޫން. އަދި އޭރު އެކުވެރި ކުދިންތަކާ އެކު މިއުޒިކް ކުޅެން އުޅުނަސް ބޭންޑެއް އުފެއްދުމުގެ ސީރިއަސް ހިޔާލެއް ވެސް ނެތް އޭރަކު."

"ވެދާނެ މަންމަ އަކީ، ފަހުރުވެރިވިޔަސް އިހްސާސްތައް ބަންޑުންނުކުރާ ކަހަލަ މަންމައަކަށް."

"މިހާތަނަށް ތަޖުރިބާކުރެވުނު އެންމެ އުނދަގޫ ގިޓާ އަކީ ގްރެޖް ބެނެޓް ބްރޭންޑްގެ ގިޓައެއް. އެއީ ފަށައިގަތްއިރު ކުޅެން ބޭނުންކުރި ގިޓާއެއް. އޭގެ ޕިކްއަޕްސްތައް އެއްގޮތަކަށް ވެސް ކަމަކުނުދޭ."

"އެހެންވީމަ މިހާތަނަށް ވެސް އަޅުގަނޑުގެ ރަސްމީ އާމްދަނީ ލިބޭ މަސައްކަތަކަށް ވެފައި އޮތީ ވެބް ޑިޒައިނިންގެ މަސައްކަތް. ނޮތުނެގަލް އަކީ ޓުއާކުރާ ބޭންޑެއް."